ޓުއަރިޒަމް

ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ މައްޗަށް !


މިދިޔަ މަހު ރާއްޖޭގެ ރިސޯޓްތަކުގެ
އޮކިއުޕަންސީ 6.4 އިންސައްތަ ދަށްވެ، ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ 11.6 އިންސައްތަ
އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.


ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ
ނޮވެމްބަރުމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ
އަޅާބަލާއިރު 0.5 އިންސައްތަ އިތުރުވެފައިއެވެ. މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު
ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް
މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ
ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންނަށް
ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އޭޝިއާ ޕެސިފިކްގެ
ސަރަހައްދުގެ ގައުމުތަކުންނެވެ. އެގޮތުން ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއަށް
ޒިޔާރަތްކުރި ފަތުރުވެރިންގެ 49.9 އިންސައްތައަކީ އޭޝިއާ ޕެސިފިކްއިން ޒިޔާރަތްކުރި
ފަތުރުވެރިންނެވެ. އަދި މިސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ
އޭގެ ކުރީ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 1.9 އިންސައްތަ އިތުރުވެފައެވެ.

ދެވަނަ އަށް
އެންމެ ގިނަ ފަތުރުވެރިން މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޔޫރަޕް
ސަރަހައްދުންނެވެ. އެއީ ރާއްޖެއަށް މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ
42.3 އިންސައްތައެވެ. މިސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ
ކުރީއަހަރާއި އަޅާބަލާއިރު 1.1 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

ވަކިވަކި
މާކެޓްތަކަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ
ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. މިމުއްދަތުގައި
ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 30.8 އިންސައްތައަކީ ޗައިނާ ފަތުރުވެރިންނެވެ.
8.9 ގެ ހިއްސާއަކާއިއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި
ވަނީ ޖަރުމަނުވިލާތުންނެވެ.