ކުޅިވަރު

ބަޔާން މޮޅުވެ އެއް ޕޮއިންޓުގެ ލީޑެއް


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެ ލީގުގެ ކުރީގައި އެއް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ބަޔާން މޮޅުވީ ހޮފެއިންހަމްއާ ވާދަކޮށް 4-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ކުރީކޮޅު ބަޔާން ލަނޑެއް ކާމިޔާބުކުރި ނަމަވެސް އެލަނޑު ވަނީ ބަލައި ނުގަނެފައެވެ. ބާޔާން ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ސާޖް ނަބްރީއެވެ. މެޗުގެ ފުރަތަމަ ހާފްގައި ނިމުމުގެކުރިން ބަޔާންއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ރޮބާޓް ލެވޮންޑެސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަންގައި ލީގުގައި ބަޔާން އަށް ކުޅުނު 9 މެޗުގައި އޭނާ ކާމިޔާބުކޮށްދިން 10 ވަނަ ލަނޑެވެ. މެޗުގެ ފަހު ދެލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އެރިކް މެކްސީ ޗުޕޯ މޮޓިންގްއެވެ.

ހަތަރު ވަނަ ލަނޑު ބަޔާން އަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. މެޗުގެ ރޭ ބަޔާން މޮޅުވިއިރު އެޓީމުގެ ކޯޗު ޖޫލިއަން ނާގްލަސްމަން ވަނީ ކޮވިޑަށް ޕޮޒިޓިވުގެ ސަބަބުން ޓީމާ އެކަހެރިވެފައެވެ. ރޭގައި މެޗުގައި އޭނާ ޓީމަށް އިރުޝާދު ދީފަވަނީ ގޭގައި ހުރެގެން އޭނަގެ އެސިސްޓެންޓާ ފޯނުން ގުޅައިގެންނެވެ. ރޭގައި މެޗު ބެލުމަށް ބަޔާންގެ ދަނޑު އެލިއާޒް އެރިނާއަށް ވަނީ ފަސްދޮޅަސް ހާސް ސަޕޯޓަރުން ވަދެފައެވެ. މިއީ ކޮވިޑުގެ ހާލަތަށްފަހު ބަޔާންގެ ދަނޑަށް މިހާ ގިނަ އަދެދެއްގެ ސަޕޯޓަރުން ވަތް ފުރަތަމަ ފަހަރެވެ.

ރޭގަ ލީގުގައި އާރްބީ ލީޕްޒިގާއި ފޫތް ވާދަކުރި މެޗު 4-1 ލަނޑުން ލީޕްޒިގް ވަނީ ކާމިޔާބުކޮށްފައެވެ. ވުލްފްސްބާގް ވަނީ އަމިއްލަ ދަނޑުގައި ކުޅެ ފްރެއިބާގް އަތުން 2-0 ލަނޑުން މޮޅުވެފައެވެ. މި ނަތީޖާއެކު ބަޔާން އެއްވަނައިގަ އޮތީ ދެވަނައިގައިވާ ޑޯޓްމަންޑަށް ވުރެ އެއްޕޮއިންޓު އިތުރަށް ހޯދައިގެން 22 ޕޮއިންޓާއެކުއެވެ.

ލީގުގެ ކުރީކޮޅު ގަދަ ހަތަރެއްގައި ހިފަހައްޓާލި ހޮފެންހަމް މިހާރު އުޅެނީ 12 ޕޮއިންޓާއެކު ތާވަލުގެ 10ވަނައިގައެވެ.