ޓޫރިސްޓު ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތައް، 3 އަހަރުގެ ތެރޭގައި ނުހުޅުވައިފިނަމަ އެއްބަސްވުންތައް އުވާލެވޭގޮތަށް އަލުން އެއްބަސްވުންތަކުގައި ސޮއިކުރަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށް ނުހުޅުވި ލަސްވަމުންދާ މައްސަލައަކީ މިކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެކަމުގައި އޮތް ކަމެއްކަމަށެވެ.
ރިސޯޓެއް ތަރައްޤީކުރަން ދޫކުރާ ރަށްރަށުގެ އެގްރިމަންޓްތަކުގައި ރިސޯޓް ހަދާ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ނުނިންމިއްޖެނަމަ މީގެކުރިން ވަނީ އެ މުއްދަތު ވަރަށް ގިނައިން އިތުރުކޮށްދީފައެވެ. ނަމަވެސް ޓޫރިޒަމްއަށް ދޫކުރާ ރަށްރަށުގެ ޤަވާއިދަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ގެނައި އިސްލާހުގައި ރިސޯޓް ތަރައްޤީކުރަން ދީފައިވާ މުއްދަތު ހަމަވުމުން ދެން ދޭނީ 3 އަހަރުކަމަށް ވަނީ ކަނޑައަޅާފައެވެ. އެ 3 އަހަރު ހަމަވުމުން އޮޓަމެޓިކުން ލީޒް ޑޮކިއުމަންޓް ބާތިލުވާނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރިސޯޓްހަދަން ދޫކޮށްފައިވާ ތަންތަން މިހާރު ހުރީ އެ މުއްދަތު ހަމަވެފައިކަމަށެވެ. އަދި މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެކުލެވޭ މައްސަލައަކަށްވުމުން ފައިސާ ހަމަނުޖެހިގެން ނުހެދިފައި ހުރި ރަށްރަށަށް ހައްލެއް ހޯދަދިނުމަށްވެސް ސަރުކާރުން ވަރަށް ބޮޑަށް ބަލަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
ރިސޯޓްތައް ތަރައްޤީކުރުމަކީ ރަށްތަކަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމެކެވެ. އެގޮތުން އިޤްތިޞާދީގޮތުން ފައިދާ ލިބިގެންދާއިރު އިތުރު ވަޒީފާގެ ފުރުސަތުވެސް ފަހިވެގެންދެއެވެ. ނަމަވެސް ރިސޯޓް ތަރައްޤީކުރަން ދޫކުރި ރަށްރަށް ތަރައްޤީނުކުރެވި ތާށިވެފައި ހުރުމަކީ މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އަދި އެ ރަށެއް ހިމެނޭ ސަރަހައްދަށްވެސް އޭގެ ސަބަބުން ގެއްލުންތަކެއް ލިބިގެންދާނެކަމެކެވެ. 3 އަހަރުގެ ތެރޭގައި ރިސޯޓް ތަރައްޤީ ނުކޮށްފިނަމަ ރަށް އަތުލަން ޓޫރިޒަމް މިނިސްޓްރީން ނިންމީ މި ސަބަބުތަކަށްޓަކައެވެ.