ޚަބަރު

ބިސް ބުރު ބަލިކޮށް ދަ ގްރާންޑޭ ކުރިއަށް


  • މެޗުން ގްރާންޑޭ މޮޅުވީ 0-3 އިން

  • ތިން ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައި

  • ބިސް ބުރުގެ ކީޕަރަށް ފުރަތަމަ ހާފުގައި ވަނީ ރަތްކާޑު ދައްކާފައި

މާލެ ރީޖަން ލީގުގެ ދެވަނަ ޑިވިޝަނުގައި ބިސް ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ދަ ގްރާންޑޭ އިން ޕޮއިންޓު ތާވަލުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.

މި މެޗާ ކުރިމަތިލިއިރު ފަސްވަނައިގައި އޮތް ގްރާންޑޭއިން އަންގާރަ ދުވަހުގެރޭ ވަނީ ބިސް ބުރުގެ މައްޗަށް 0-3 އިން ކުރިހޯދާފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މެޗުގައި ފެނިގެންދިޔަ ތިން ލަނޑަކީ ވެސް ފުރަތަމަ ހާފުގައި ގްރާންޑޭއިން ކާމިޔާބުކޮށްފައިވާ ލަނޑުތަކެކެވެ.

މެޗުގައި ގްރާންޑޭއިން ފުރަތަމަ ލަނޑުޖެހީ 22 ވަނަ މިނެޓުގައެވެ. މިއީ ހަސަން އިމްރާން އޭރިއާ ތެރެއަށް ވަދެފައި ފޮނުވާލި ހަމަލާއެއް، ބިސް ބުރުގެ ކީޕަރު ސިޔާދު ދިފާއުކުރުމުން ރިބައުންސަށް އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އަބްދުއްސައްތާރު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގައި ގްރާންޑޭއިން ލީޑު ފުޅާކުރީ 36 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ހުއްޓުވުމަށް، އޭރިއާ ބޭރުގައި ހުރެފައި ބިސް ބުރުގެ ކީޕަރު އިބްރާހީމް ސިޔާދު ބޯޅައިގައި އަތްލުމުން ލިބުނު ހިލޭ ޖެހުމެއްގައި އުމަރުޖޮނޯވް އަޚްރޯރު ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭރިއާ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެން ރެފްރީ ވަނީ ކީޕަރު ސިޔާދަށް ރަތްކާޑެއް ދައްކާފައެވެ.

ގްރާންޑޭއިން މެޗުގައި ތިންވަނަ ލަނޑު ޖެހީ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އިމްރާނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯސެއޯ ޓޮއާއެވެ.

މި މޮޅާއެކު ގްރާންޑޭއިން ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ގްރާންޑޭއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވެއެވެ. ބިސް ބުރަށް ވެސް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވެއެވެ. ގްރާންޑޭއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.