ކުޅިވަރު

ދުނިޔޭގެ ޖޫނިއަރ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވެ ދީމާއަށް ތާރީޚީ ކާމިޔާބެއް


ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، ދުނިޔޭގެ ޖޫނިއަރ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވެ ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.

ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ މެއިން ޑްރޯއަށް ކޮލިފައިވި 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ދީމާގެ ނަން ހިމަނާފައިވަނީ 13 ވަނައިގައެވެ. ދީމާ، ދުނިޔޭގެ މުބާރާތަށް ކޮލިފައިވެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީ އާއި ދުނިޔޭގެ ރޭންކިން އަށް ބެލުމަށް ފަހުއެވެ. ދީމާ ވަނީ މިހާރު އޮމާންގެ ވެރިރަށް މަސްކަޓްގައި ކުރިއަށްދާ އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް ދީމާ ވާދަކުރިއިރު، ރަނގަޅު ކުޅުމެއް ދައްކައިފައިވެއެވެ.

މި މުބާރާތުން ދީމާ އަށް ލިބޭ ރޭންކިން ޕޮއިންޓްތަކަށް ބަލާއިރު، ދީމާ އަށް ދުނިޔޭގެ ރޭންކިންގެ ކުރިއަށް ޖެހިލެވޭނެއެވެ. ދީމާ މި ވަގުތު ދުނިޔޭގެ ރޭންކިންގައި އޮތީ 15 އަހަރުން ދަށުގެ ބައިން 20 ވަނައިގައެވެ. އޭޕްރީލް މަހު އެ ކެޓަގަރީގެ އަށް ވަނައިގައި ވެސް ދީމާ އޮތެވެ. ސަތާރަ އަހަރުން ދަށުގެ ކެޓަގަރީން ދީމާ އޮތީ 77 ވަނައިގައެވެ. މީގެ ކުރިން ދީމާ ވަނީ އެ އުމުރުފުރާގެ ރޭންކިންގެ 41 ވަނަ މަގާމުގައި އޮވެފައެވެ. އުމުރުން 13 އަހަރުގެ ދީމާ އަކީ ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

މި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ މިއަދު ދީމާ އަށް މަރުހަބާ ކިޔައިފައެވެ. ރާއްޖެ ފަހުރުވެރިވާ ކާމިޔާބެއް ދީމާ ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު މަހު 2 އިން 8 އަށް ޕޯޗުގަލްގައެވެ.