ބަންދު ދުވަހެއް އަތުވެއްޖެނަމަ ހުޅުމާލެއަކީ އަބަދުވެސް ތޮއްޖެހި ފުރޭ ތަނެކެވެ. ފިނިބުރު ޖަހަން ދިއުމުގެ އިތުރަށް ގިނަ ބަޔަކު ޢާއިލާއާއެކު ދަތުރުގޮސް ހުޅުމާލެ ގޮނޑުދޮށް ސަރަޙައްދުގައި އުފާވެރި ވަގުތުތައް ހޭދަކުރެއެވެ. ދަތުރުގޮސް އުޅޭ މީހުންނަށް ޚާއްސަކޮށްގެން ގޮނޑުދޮށް ސަރަހައްދުގައި އިށީނދެލައިގެން ތިބެވޭނެ އިންތިޒާމު އެޗްޑީސީން އަންނަނީ ހަމަޖައްސަމުންނެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޮނޑުދޮށް ސަރަޙައްދުގައި މިފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްފަހު، މިހާރު މިވަނީ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަޙައްދުގައިވެސް މި އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ. 
ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީހުން ބަދަލުވާން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.  ފުރަތަމަ މީހުން ދިރިއުޅެން ފެށީ މަދު ފްލެޓެއްގައެވެ. އޭރު ޢާންމުންނަށް ދެވަނަ ފިޔަވަހި ހުޅުވާ ނުލިނަމަވެސް ދެފިޔަވަހި ގުޅުވާލުމަށް ހެދި  ބްރިޖްތައް ހުޅުވުމާއެކު ގިނަ ބަޔަކު ދެވަނަ ފިޔަވައްސަށް މިހާރު ދަތުރުކުރެއެވެ. އަދި "ހިޔާ" ފްލެޓަށް މިހާރު މީހުން ބަދަލުވާން ފެށި ހިސާބުން އިހަށްވުރެ ގިނައިން އެ ސަރަޙައްދަށް މީހުން ދަތުރުކުރެއެވެ. އަދި ގޮނޑުދޮށް ސަރަޙައްދު ހުޅުވާލާފައިވުމާއެކު އެ ސަރަޙަށްދަށް ދަތުރުވެސް ގޮސް އުޅެއެވެ. އެހެންނަމަވެސް އެޗްޑީސީން ވިދަޅުވީ ގޮނޑުދޮށް ސަރަޙައްދު މޫދަށް އެރުމަށް ހުޅުވާލާފައިވީނަމަވެސް އެތަނުގައި އެކިކަހަލަ ހަރަކާތްތައް ބޭއްވުމަށް އަދިވެސް އެޗްޑީސީގެ ހުއްދަ ބޭނުންވެއެވެ. 
		
										
			ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގޮނޑުދޮށް ސަރަޙައްދުން ލިބޭ ޚިދުމަތްތައް ދެވަނަ ފިޔަހަވިންވެސް ފޯރުކޮށްދިނުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި ބެންޗު ގޮނޑިތައް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ. އެޗްޑީސީން ވިދާޅުވީ މި ބެންޗްތައް ގޮނޑުދޮށުގެ އިތުރަށް ޕާކްތަކުގައިވެސް ހަރުކުރަން ހަމަޖެހިފައިވަކަމަށެވެ. އަދި މިހާރު ދެވަނަ ފިޔަވަހީގެ ފްލެޓްތަކާއި އިންވެގެން ވާ ގޮނޑުދޮށް ސަރަޙައްދުގައި ބެންޗްތައް  ހަރުކޮށްފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެއެވެ. 
  
އެޗްޑީސީން ވިދާޅުވީ އެސަރަހައްދުގައި ޖަހާ ބެންޗްތަކަކީ އެޗްޑީސީގެ މުވައްޒަފުންގެ މަސައްކަތުން ޖަހާ ބެންޗްތަކެއްކަމަށެވެ. އަދި ޖުމުލަ 30 ބެންޗް ޖެހުމަށް ހަމަޖެހިފައިވާކަމަށާ، މިހާރު ޖަހާފައި ވަނީ 10 ބެންޗްކަމަށް އެޗްޑީސީން ވިދަޅުވެއެވެ. އެޗްޑީސީން ވިދާޅުވީ މިހުރިހައި ބެންޗެއް ޖެހުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ނިންމާލާނެކަމަށެވެ.  
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ "ހިޔާ" ފްލެޓްތަކަށް މީހުން ބަދަލުވާން މިހަރު ވަނީ ފަށާފައެވެ. އެޗްޑީސީން އަންނަނީ އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ވީހާވެސް ލުއފަސޭހައިން ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން  އެ ސަރަޙައްދުން ވިޔަފާރި ކުރެވެނެ އިންތިޒާމްތަކާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރަށް މިހާރު ވަނީ ސްކޫލްތައް އިމާރާތްކުރުމާށާއި މިސްކިތްތައް ބިނާކުރުމަށްވެސް މިހާރުވަނީ ޙަވާލުކޮށްފައެވެ.