ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލާފައިވަނީ، އެލްޖީއޭގެ ބޯޑުގައި މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ނޮވެންބަރު މަހުގެ 1 ވާ އާދިއްތަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން 12:00 ފޯމު ބަލައިގަންނަމުންދާނެ ކަމަށެވެ.
މީގެ އިތުރުން މިމަހުގެ 31 ވަނަ ދުވަހު އެލްޖީއޭގެ ބޯޑުގެ އިންތިޚާބީ ދެ މަޤާމަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކައުންސިލަރުންނާއި، އަންހެނުންގެ ކޮމިޓީގެ ރައީސުންގެ ތެރެއިން 2 މެންބަރުން އެލްޖީއޭގެ ބޯޑަށް އައްޔަން ކުރާނެއެވެ. އެއީ، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި އަންހެނުންގެ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ.
9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ، ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ އިތުރުން ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކެވެ. މީގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލުތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.