ވިޔަފާރި

ރަތް ލިސްޓުން އުނިވުމާއެކު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް


އިނގިރޭސިވިލާތުގެ ޤައުމީ އެއަރލައިން ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ. މި ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ އިއްޔެއެވެ.

ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލީ މިދިޔަ މެއި މަހުއެވެ. ދަތުރުތައް މެދުކަނޑާލީ ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އިނގިރޭސިވިލާތުގެ ރަތް ލިސްޓަށް ރާއްޖެ އެރުމުންނެވެ.

އިނގިރޭސިވިލާތުގެ ރަތް ލިސްޓުން މިމަހުގެ 22ވަނަ ދުވަހު ރާއްޖެ ވަނީ އުނިކޮށްފައެވެ. މިއާއިއެކު ބްރިޓިޝް އެއަރވޭސްގެ ސީދާ ދަތުރުތައް އަލުން މިވަނީ ރާއްޖެއަށް ފަށާފައެވެ. ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ކުރާނެއެވެ.

ބްރިޓިޝް އެއާރވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015ވަނަ އަހަރުއެވެ. އެ އެއަރލައިންއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއަރލައިނެކެވެ. އިނގިރޭސިވިލާތަކީ މިހާރުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަހުގެ 26ވަނަ ދުވަހާއި ހަމައަށް އިނގިރޭސިވިލާތް ހިމެނެނީ ރާއްޖެއަށް 8ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. އަދި ކޯވިޑްގެ ކުރިން އިނގިރޭސިވިލާތަކީ ރާއްޖެއަށް 5ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ.