ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިސްތިހާރުކުމަށް އެމްއެމްޕީއާރުސީން، ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޠައްޔިބް މުޙައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ މިއެއްބަސްވުމުގެ މަޤްސަދަކީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކުރުން ކަމަށެވެ.
މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބް މުހައްމަދު ވަނީ މީގެކުރިން ސީއެންއެންއާއެކު ވިޒިޓް މޯލްޑިވްސްއިން ކާމިޔާބު ކެމްޕެއިންތަކެއް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރައްވައި ކުރީގެ ތަޖުރިބާއަށް ބަލައި މިފަހަރުގެ ޕާޓްނަޝިޕް މެދުވެރިކޮށްވެސް ކާމިޔާބު ޙަރަކާތްތަކެއް ކުރިޔަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. ޠައްޔިބް ވިދާޅުވީ އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓަޖީތަށް ބިނާވެފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި، ފުރިހަމަ ޚިދުމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކަމަށެވެ. އަދި ސީއެންއެންއާއެކު ސޮއިކުރި މި އެއްބަސްވުމުގެ ސަބަބުން އެމްއެމްޕީއާރުސީން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިސްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ދެކޭމަށްވެސް ޠައްޔިބު ވިދާޅުވިއެވެ.
ސީއެންއެންގެ ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރް ވިދާޅުވީ ރާއްޖޭއަކީ ފަތުރުވެރިންނަށް އެ މަންޒިލެއްގައި ކުރެވޭނެ ގިނަ ތަޖުރިބާތަކާއި، ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ގިނަ ވާހަކަތަކެއް އެކުލެވޭ ފަތުރުވެރިކަމުގެ ގޮތުން މުއްސަނދި މަންޒިލެއްކަމަށެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ރީތި މަންޒިލްގެ އެކި ވާހަކަތައް ސީއެންއެންގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި އިސްތިހާރުކުރެވޭނެ ކަމަށެވެ.
އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަށް ކުރިއަށް ދާނީ ސެޕްޓެންބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށެވެ. މި މަސައްކަތްތަކުގެ ދަށުން ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި، ފުރިހަމަ ޚިދުމަތްތަކެއް ލިބޭ މަންޒިލް ގޮތުގައި ޕްރޮމޯޓު ކުރެވޭނެއެވެ. އަދި ރާއްޖޭގެ ވަކިވަކި ޕްރޮޑަކްޓްތަކާއި، ލިބެން ހުންނަ ތަޖުރިބާ ތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވާހަކަވެސް ސީއެންއެން ޓްރެވަލްގައި ސާއިއުކުރާނެއެވެ.