ވިޔަފާރި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލެއް އެކުލަވާލައިފި


ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލެއް އެކުލަވާލެވި، ދެލިކޮޕީ ފައިނަލް ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން މިހާރު ކުރައްވަމުންދާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.މިނިސްޓަރ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ މަސްވެރިކަމުގެ ޤާނޫނަށް ގެންނަވަން ޖެހޭ ބަދަލުތައް ގެންނެވީ  ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާގެ ހިލޭ އެހީގެ ދަށުންކަމަށެވެ.ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް ހަދައި، މި ސިނާޢަތް ކުރިއެރުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރއިން ގެންދަވަނީ ކުރައްވަމުންނެވެ. ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވީ މިހާރު އެކުލަވާލެވިފައިވާ މަސްވެރިކަމުގެ ޤާނޫނަކީ ކުރިންވެސް ހަދާފައި އޮތް ޤާނޫނެއްކަމަށާއި، އެ ޤާނޫނަށް މާބޮޑު ބަދަލުތަކެއް ނުގެންނަވާކަމަށެވެ. އެހެންނަމަވެސް މި ޤާނޫނު އިސްލާޙުކޮށްފައިވަނީ މި ޒަމާނަށްފެތޭ ގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ."މަސްވެރިކަމުގެ ޤާނޫނަކީ ކުރިންވެސް ހެދިފަ އޮތް ޤާނޫނެއް. އެހެންނަމަވެސް ރައްޔިތުންގެ މަޖްލީހުން އަޅުގަނޑު ހަނދާންވަނީ 2008 ހިސާބުގައި އޭރު މަޖްލީހުން އޭތި ބޭރުކޮށްފަ ވަނީ.. ދެން އޭގެ ފަހުން އޭގެ މަސައްކަތްތަކެއް ނުކުރެވޭ.މިހާރު އަޅުގަނޑުމެން އެއަށް އަންނަ ބަދަލުތަކާއި އެކު އެފް.އޯ.އޭގެ އެހީގައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެއް ގެނެސްނިންމާފަ ވަނީ. އެހެންވީމަ ދެން އަންނަ އަހަރު އިރާދަ ކުރެއްވިޔާ މަޖްލީހުގެ ތެރެއިން ހުށަހެޅިގެން އެކަން ކުރިއަށްދާނެ. ދެން އާންމުގޮތެއްގައި މިހާރުވެސް ހިނގަމުންދާ ކަންތައްތައް އެކަމަކު އެއީ މަސްވެރިކަމާއިބެހޭ އާ ޤާނޫނަށް މިޒަމާނަށް ފެތޭކަހަލަ ކަހަލަ ޤާނޫނެއްގެ ތެރެއިން ލާފަ މިކަންތައް އަންނަނީ.. މާބޮޑު ތަފާތެއް ނޯންނާނެ. މިހާރުވެސް އަމަލުކުރަމުންފާ ކަންތައްތައް އެކަމަކު އެއަށްވުރެ ޒަމާނަށް ފެތޭގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ..'' މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވަނީ މަސްވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާޞިލް ކުރެއްވުމަށްޓަކައި ފާއިތުވި އަހަރު ހަތަރު ރަށެއްގައި ނުވަދިހަ ދެ މީހުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގަވާފައެވެ. މަސްވެރިން ބާނާ މަސް ތާޒާކާމާއެކު އެންމެ ރަނގަޅު ފެންވަރުގައި ގެންގުޅުމަށް މަސްވެރިން އަހުލުވެރިކުރުމުގެ ގޮތުން 3 ސަރަޙައްދެއްގައި 116 މަސްވެރިންނަށް މިކަމާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވާފައިވެއެވެ. މަސްވެރިކަމުގެ ދާއިރާއަށް ސުކޫލް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން ލޭނު މަސްވެރިކަމުގެ ޕްރޮގްރާމުން ފެށިގެން މިދާއިރާގައި ހުރި ވަޒީފާތަކުގެ މަޢުލޫމާތު 145 ދަރިވަރަކަށް ފޯރުކޮށްދެއްވާފައިވާކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ ދިހަވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ދަނޑުވެރިންގެ ދުވަހާއި އެކީ މި ދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. މިއަހަރަކީ މަސްވެރިންގެ ދުވަސް ފާހަގަކުރާ 35 ވަނަ އަހަރެވެ.