ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީން ދޫކޮށްލާފައިވަނީ ޓެރަރިޒަމް މަނާކުރުމާ ގުޅޭ ޚާއްސަ ޤާނޫނަށް ރިޢާޔަތްނުކޮށް ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ދައުވާލިބޭ މުޙައްމަދު އަމީންގެ މައްޗަށް ދަޢުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުންކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާޠިލްކުރި މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.
ހައިކޯޓުން އަމީން ދޫކޮށްލަން ކުރި އަމުރާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، މިމައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކޮށްފައިވަނީ މުއްދަތު ހަމަވިފަހުންކަމަށް ހައިކޯޓުން ވިދާޅުވި ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޕީޖީ ވިދާޅުވީ ޖިނާއި އިޖުރާތުގެ ޤާނޫނުން ދައުލަތުގެ އިދާރާތަކަށް ނުލިބޭ އެތައް ބާރުތަކެއް ލިބޭގޮތަށް ޓެރަރިޒަމް މަނާކުރާ ޤާނޫނެއް މަޖިލީހުން ފާސްކޮށް ބާރުތަކެއް ދީފައިވާކަމަށެވެ.
އެޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މައްސަލަ ހުށަހެޅުމުގެ ޤާނޫނީ ބާރުވެރިކަން ޕީޖީ އޮފީހަށް ލިބިފައިވާކަށް ޝަމީމް ވިދާޅުވިއެވެ. އަދި ހައިކޯޓުން މިމައްސަލާގައި މިގޮތަށް އަމަލުކުރި ނަމަވެސް ޕީޖީން ދައުވާ ކޮށްފައިވާ މިފަދަ އެހެން މައްސަލަތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ޕީޖީ ވިދާޅުވިއެވެ.
މި މައްސަލަަ އިސްތިއުނާފްކުރުމަށް ޕީޖީން ނިންމަވާފައިވާއިރު، ހައިކޯޓުން އިއްޔެ އަމީން މިނިވަން ކުރުމަށް ޙުކުމްކޮށްފައިވަނީ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، ސުޕްރީމް ކޯޓުން ކުރި ޢަމުރަށް މައްސަލަ ބެލުމަށްފަހުއެވެ. އަމީން ބަންދުގައި ހުންނަތާ ދޮޅުއަހަރު ފަހުން އޭނާ މިނިވަންވެފައިވާއިރު، މިނިވަންވި ހުކުމާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމަކޮށްފައެއްނުވެއެވެ.
އަމީނަކީ 2007ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019ވަނަ އަހަރުއެވެ.
އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.