ޚަބަރު

ގުޅީފަޅުން ފްލެޓް ނުލިބުނު ދެ މީހަކަށް ބަދަލު ދޭން ނުޖެހޭކަމަށް ހުކުމްކޮށްފި


ކ. ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކިޔަސް، ފްލެޓްތައް ނުލިބުނު މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިމައްސަލައަކީ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ގުޅީފަޅުގައި އަޅަމުންދިޔަ ފްލެޓްތަކުގެ ތެރެއިން ދަޢުވާކުރާ ފަރާތުން ގަތް 2 ފްލެޓް އެފަރާތާ ޙަވާލުކޮށްފައިނުވާތީ، ބަދަލުގެ ގޮތުގައި ހުޅުމާލެއިން ބިމެއް ނުވަތަ ހުޅުމާލެއިން 2 ފްލެޓް ލިބިދިނުމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 4,348,452.52/-ރ. (ހަތަރު މިލިޔަން ތިންލައްކަ ސާޅީސް އަށްހާސް ހަތަރުސަތޭކަ ފަންސާސްދޭއް ރުފިޔާ ފަންސާސް ދޭއް ލާރި) ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ. މިމައްސަލާގައި ސިވިލް ކޯޓުގައި ދެ މީހަކު ދައުވާކުރީ ފްލެޓްތައް ނުލިބުމުން ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ މައްސަލާގައި މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ވަކިވަކިން ކުރި ދެ ހުކުމުގައި ވަނީ އެ ދެ މީހުންނަށް އެހެން ފްލެޓެއް ސަރުކާރުން ދީފައި ނުވަނީ ސަރުކާރުގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ތެރެއިން އެ މީހުންނަށް ހުށަހެޅި ހުށަހެޅުންތައް އެ މީހުން ގަބޫލު ކޮށްފައި ނުވާތީ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ދެ ފްލެޓް ގަތުމަށް ފައިސާ ދައްކާފައި ވަނިކޮށް އޭނާއަށް ހުޅުމާލެއިން އެންމެ ފްލެޓެއް ދޭން ސަރުކާރުން ހުށަހަޅާފައި ވިޔަސް، ހުޅުމާލެއިން އޭނާއަށް ދޭން ނިންމި ފްލެޓަކީ ގުޅީފަޅުގެ ދެ ފްލެޓަށް ވުރެ އަގު މަތި ފްލެޓެއް ކަމަށް އެ ހުކުމުގައިވެއެވެ.

އަދި މިމައްސަލާގައި ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ޚިލާފަށް، ދަޢުވާކުރާ ފަރާތުން 2 (ދޭއް) ފްލެޓް ނުވަތަ ހުޅުމާލެއިން ބިމެއް ދިނުމަށް ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށާއި، ދަޢުވާކުރާ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ވަނީ ހުކުމްކޮށްފައެވެ.