ކުޅިވަރު

މުހިންމު ދެ ކުޅުންތެރިން ނެތި ޕީއެސްޖީއަށް މޮޅެއް


ފްރެންޗް ލީގުގައި މުހިންމި ދެ ކުޅުންތެރިން ނެތި ޕީއެސްޖީ މޮޅުވެ ތާވަލުގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ރޭގެ މެޗުގައި ޕީއެސްޖީގެ ދެތަރިންކަމަށްވާ ބްރެޒިލްގެ ނޭމާ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ. މިދެކުޅުންތެރިން މެޗުގައި ނުކުޅުނީ ހުކުރުދުވަހު އޮތް ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު މެޗުގައި ބައިވެރިވެ ޓީމާ ލަހުން ގުޅުމުގެ ސަބަބުންނެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީ މޮޅުވީ ކްލޭމޮންޓްއާ ވާދަކޮށް 4-0 ލަނޑުންނެވެ. މެޗުގައި ޕީއެސްޖީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަންޑްރޭ ހެރޭރާއާ އާއި ކިލިއަން އެމްބާޕޭގެ އިތުރުން އިދުރީސާ ގުއައިއެވެ. ލީގުގައި އެމްބާޕޭ އެންމެފަހުން ކުޅުނު ތިންމެޗުގެ ތެރެއިން އެމްބާޕޭ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ. މިމެޗުގައި މިސީޒަނަށް ޓީމާ އަލަށް ގުޅުނު އިޓަލީގެ ކީޕަރު ޑޮނަރޫމާ ވާނީ ފުރަތަމަފަހަރަށް ޕީއެސްޖީގެ ޖާޒީގައި ކުޅެފައެވެ.

ލީގުގައި ކުޅުނު ފަސް މެޗުން މޮޅުވެ ޕީއެސްޖީ އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި އަލަށް ވާދަކުރާ ކްލޭމޮންޓޭއަށް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމަ މެޗާއެކު އެޓީމު އޮތީ 8 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އެދެޓީމަށް ކުރީގައި އޮތީ މާސޭ އާއި އެންގާސްއެވެ.