ޚަބަރު

ބޮޑެތި އާގުބޯޓުފަހަރު މާލޭ ކައިރިން ދަތުރުކުރާ ރޫޓް ބަދަލުކުރަނީ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އަމަލީ މަސައްކަތް ފެށުމާއެކު، ބޮޑެތި މުދާ އުފުލާ އުޅަނދުފަހަރު މާލޭ ސަރަހައްދުން ދަތުރުކުރާނެ މަގުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލުން ހާމަކުރައްވަފައިއެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމް.ޕީ.އެލްގެ އޮފިޝަލަކު ވިދާޅުވީ، މާލެއާއި ހުޅުލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމާއެކު، މާލޭ ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޮޑެތި އާގުބޯޓާއި، ޕަސެންޖަރލައިން ފަދަ އުޅަނދުފަހަރު ދަތުރުކުރާ މަގުތަކަށް ބަދަލުތަކެއް އަންނާނެކަމަށެވެ. މިހާރު ހަމަޖެހިފައިވާގޮތުން ރާއްޖޭން ބޭރުން މުދާ ހިފައިގެން އަންނަ ބޮޑެތި އާގުބޯޓް ފަހަރު މާލޭ ކޮމާޝަލް ހާބަރަށް ވަންނަނީ، ހުޅުލެއާއި މާލެއާއި ދެމެދު އޮންނަ ގާދޫކޮލު ސަރަހައްދުންނެވެ. ނަމަވެސް ބްރިޖްގެ އަމަލީ މަސައްކަތް ފެށުމާއެކު، ގާދޫކޮލު ސަރަހައްދު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެފަދަ އުޅަނދުފަހަރަށް މާލޭ ވިޔަފާރި ބަނދަރަށް ވިހާވެސް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދިރާސާތަކެއް ކުރުމަށްފަހު، ޕެރަޑައިޒް އައިލެންޑް ރިސޯޓާއި ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާއާއި ދެމެދު އޮންނަ ކަނޑުއޮޅިއެއްކަމަށްވާ "ބޮޑުކަޅި" ރޫޓެއްގެގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.ޕީ.އެލްގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރަށް މާލޭގެ ދެކުނު ފަރާތުން، މާލެއާއި ވިލިމާލެއާއި ދެމެދު އޮންނަ ކަނޑުއޮޅި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.(މާލެއާއި ހުޅުމާލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޑިޒައިން ދައްކުވައިދޭ ފޮޓޯއެއް / ފައިލް ފޮޓޯ: ޕީ.އެސް.އެމް ނިއުސް)އެމް.ޕީ.އެލުން ބުނިގޮތުގައި، މި ދެ ސަރަހައްދު ކަނޑައަޅާފައިވަނީ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނޭ ޓީމަކުން ކޮށްފައިވާ ދިރާސާތަކަކަށް ބެއްލެވުމަށްފަހު ކަމަށާއި، ނަމަވެސް މިކަމާމެދު ވަކި ގޮތެއް ނިންމަވާނީ ޓްރާންސްޕޯޓް އޮތޯރިޓީއާއި އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. މިކަމުގެ ތަފްސީލެއް އިކޮނޮމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރައްވައެވެ. ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު، އެ މަސައްކަތް ކުރާ ޗައިނާ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދެ ޓީމެއް މިހާރު ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. (ބްރިޖްގެ އަމަލީ މަސައްކަތް ކުރުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާ ކުންފުނީގެ ޓީމްގެ ބޭފުޅުންނާއި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ބައްދަލުކުރައްވަނީ / ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ)ބްރިޖްގެ އަމަލީ މަސައްކަތް ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުންޏާއި، ރަސްމީކޮށް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރުން މިމަހުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.