ދުނިޔެ

ޓްރަމްޕް ހޫނު ފެނަށް!


އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ސަރުކާރު ތަމްސީލުކުރާ ޑިމޮކްރެޓިކް ޕާޓީއާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ ކެމްޕެއިންތައް ފޯރިއާއެކު ކުރިއަށްދާ އިރު، ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާގެ އެކި އެކި ސިޔާސަތުތައް ބައްޓަންވެގެންދާނެ ގޮތުގެ ބައެއް މަންޒަރު ވެސް މިދަނީ ސިފަވަމުންނެވެ.އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ގިނަ ކެނޑިޓޭޓުން ތަކެއް މަސައްކަތްކުރައްވަމުންދާ އިރު، އެމެރިކާގެ މަޝްހޫރު ބިލިއަނަރު ޑޮނާލްޑް ޓްރަމްޕް ވަނީ އެކި އެކި ގޮތްގޮތުން ފާހަގަވެފައެވެ.ޓްރަމްޕްގެ ނަން ދުނިޔޭގެ ފަލަ ސުރުޚީތަކަށް އަރަމުންދަނީ އެކި ކެމްޕެއިނު އެއްވުންތަކުގައި އޭނާ ދައްކަވާފައިވާ ވާހަކަތަކާ ކުރައްވާ ވަޢުދުތަކަކީ ނަސްލީ ތަފާތުކުރުންތަކަށް މަގު ފަހިވާ ފަދަ ކަންކަމަށްވާތީ ކަމަށް މުރާސިލުން ބުނެއެވެ. ޓްރަމްޕް އެންމެ ފަހުން ދައްކަވާފައިވާ ވާހަކަތައް މިވަނީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއްގެ ގޮތުގައި އެމެރިކާގެ ސަރުކާރުން ސިފަކޮށްފައެވެ.އެމެރިކާގެ ސައުތް ކެރޮލައިނާގައި ކުރިއަށް ދިޔަ ކެމްޕެއިން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މުސްލިމުން އެމެރިކާއާ މެދު ގެންގުޅޭ ވިސްނުނުމުގެ އަސްލު އެނގެން ދެން މުސްލިމުން އެމެރިކާއަށް ވަނުން ހުއްޓުވަންޖެހޭ ކަމަށެވެ. އެމެރިކާގައި ދާދި ފަހުން ދީފައިވާ ބަޑީގެ އެކި އެކި ހަމަލާގެ އަސްލަކީ ވެސް މުސްލިމުން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ޓްރަމްޕް ވަނީ ވާހަކަ ދައްކަވާފައެވެ.އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވަން ގަސްތުކުރައްވާ ބޭފުޅެއްގެ ވާހަކަ މިގޮތަށް ހުރުމަކީ ހައިރާންވާން ޖެހޭ ކަމަކަށްވާ އިރު ޓްރަމްޕްގެ ވާހަކަތަކުގެ ސަބަބުން ރިޔާސީ ރޭހުން އޭނާ ޑިސްކޮލިފައި ވާނެ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ވަނީ ބުނެފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ޖޯޝް އާރނެސްޓް ވިދާޅުވީ، ޓްރަމްޕްގެ ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ އެކި ނަސްލުގެ މީހުންނަށް މަލާމަތްކޮށް ފުރައްސާކުރުން ކަމަށާ ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ މީހުން ޓްރަމްޕް ޤަބޫލުނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.މުސްލިމުންނާ ދެކޮޅަށް ޓްރަމްޕް ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެމެރިކާގެ ދިފާޢި ވުޒާރާއިން ވަނީ މިއީ އެމެރިކާގެ ސަލާމަތީ ސިޔާސަތުގައި ހިމެނޭ ކަންކަމާ ޙިލާފު ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އައި.އެސް ފަދަ ޖަމާޢަތްތަކުން އެމެރިކާއާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް ޓްރަމްޕްގެ ވާހަކަތަކުގެ ސަބަބުން ބާރު ލިބިގެންދާ ކަމަށް ވެސް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ވަނީ ބުނެފައެވެ.ސިޔާސީ ވާދަވެރިންނާ ރިޕަބްލިކަން ޕާޓީގެ ބައެއް ލީޑަރުން ވެސް ޓްރަމްޕްގެ ވާހަކަތައް ކުށްވެރިކޮށްފައިވާއިރު، ޑޮނާލްޑް ޓްރަމްޕަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޙާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ސަޕޯޓަރުން އެންމެ ގިނަ ބޭފުޅާއެވެ.