ކުޅިވަރު

ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސިޓީ ދެވަނަ ބުރަށް


ހަތަރެއް ދޭކުން ބޮރޫޝިއާ މޮންޚެންގްލެޚްބާ އަތުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި މެންޗެސްޓަރ ސިޓީ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން ޖާގަ ހޯދައިފިއެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ގްރޫޕް ޑީގެ ފަހު މެޗުގައި ރޭ ބޮރޫޝިއާ މޮންޚެންގްލެޚްބާއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ސިޓީ ކުޅުނު މެޗުގެ ފުރަތަމަ ލަނޑުވެސް ޖެހީ މެންޗެސްޓަރ ސިޓީންނެވެ. މި ލަނޑު ޖަހައިދިނީ މިޑްފިލްޑަރ ޑޭވިޑް ސިލްވާއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބޮރޫޝިއާ މޮންޚެންގްލެޚްބާއިން ދެ ގޯލް ޖަހައި މެޗުގެ ލީޑް ނެގިއެވެ. މެންޗެސްޓަރ ސިޓީން ނަތީޖާ އެޓީމް ކޮޅަށް އަނބުރާލީ މެޗުގެ ފަހު އެގާރަ މިނެޓްގެ ތެރޭގައެވެ. މި ގޮތުން އެގާރަ މިނެޓް ތެރޭގައި ސިޓީއިން ތިން ގޯލް ޖެހިއެވެ. މި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ރަހީމް ސްޓާރލިންގއެވެ. އަދި އަނެއް ލަނޑު ޖަހައިދިނީ ވިލްފްރިޑް ބޮނީއެވެ. މެންޗެސްޓާރ ސިޓީއަށް ގްރޫޕް ޑީގެ އެއްވަނަ ލިބުނު އިރު މީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސިޓީ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސިޓީއަށް މި ގްރޫޕްގެ އެއްވަނަ ލިބުނީ ރޭ ޔުވެންޓަސް އަދި ސެވިއްޔާ ވާދަކުރި މެޗުން ޔުވެންޓަސް ބަލިވުމުންނެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް ބަލިވީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފޯވާޑް ލޮރެންޓޭއެވެ. މި މޮޅާއިއެކު ގްރޫޕްގެ ތިންވަނަ ޓީމްގެ ގޮތުގައި ޔޫރޮޕާ ލީގުން ޖާގަ ހޯދީ ސެވިއްޔާއެވެ.