ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އާ ރެކޯޑަކާއިއެކު މަލްމޯ އެފްއެފްގެ މައްޗަށް ފަސޭހަކަމާއިއެކު ރިއާލް މެޑްރިޑް ކުރި ހޯދައިފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މަލްމޯ އެފްއެފްގެ މައްޗަށް ރިއާލް މެޑްރިޑް ކުރިހޯދީ އަށެއް ސުމެއްގެ ބޮޑު ތަފާތަކުންނެވެ. އަށެއް ސުމެއްގެ މި ނަތީޖާއައިއެކު ރިއާލްވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ތަފާތު ބޮޑު މޮޅު މީގެ ކުރިން ހޯދާފައިވާ ލިވަޕޫލްގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މިހާރު ރިއާލްގެ ކޯޗަކަށް ހުރި ރަފައެލް ބެނިޓޭޒްގެ އިރުޝާދުގެ ދަށުން ލިވަޕޫލް މި ރެކޯޑް ހަދާފައިވަނީ ދެހާސް ހަތްވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ބެޝިކްޓަސް އަށެއް ސުމަކުން ބަލިކޮށްގެންނެވެ.ރިއާލް މެޑްރިޑްގެ ދަނޑުގައި ރޭ މަލްމޯއާއި ދެޅަށް ކުޅުނު މެޗް ރިއާލް އަށެއް ސުމަކުން ކާމިޔާބުކުރިއިރު މެޗުގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ހަތަރު ގޯލް ޖަހާފައެވެ. މި ހަތަރު ގޯލާއިއެކު މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި އޭނާ ޖެހި ގޯލްގެ އަދަދުވަނީ އެގާރައަށް އަރާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ދެ އަކުރުގެ އަދަދަކަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރޭގެ މެޗުގައި ރިއާލް މެޑްރިޑްގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިދިނީ ފޯވާޑް ކަރިމް ބެންޒެމާއެވެ. އަދި އަނެއް ލަނޑު ޖަހައިދިނީ މަތިއޯ ކޮވަސިޗެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް ދެ ވަނަ ބުރަށް ކޮލިފައިވެފައިވާއިރު މި ގްރޫޕުން ދެވަނަ ލިބެނީ ރޭ ޝަޙްތަރ ޑޮނެސްކް އަތުން މޮޅުވި ޕީއެސްޖީއަށެވެ. ޕީއެސްޖީ ރޭ ޝަޚްތަރ ޑޮނެސްކް އަތުން މޮޅުވީ ދޭއް ސުމަކުންނެވެ. މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ ލޫކަސް މައުރާ އަދި ޒްލަޓާލް އިބްރަހިމޮވިޗެވެ.