ޚަބަރު

ހަމަލާއާ ގުޅިގެން ބަޔާން ދެއްވުމަށް ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއާ ގުޅިގެން ބަޔާން ދެއްވަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިކަން އަންގަވާފައެވެ.

މެއި 6ގެ ޙަމަލާއާ ގުޅިގެން ބަޔާން ދެއްވަން އެދިވަޑައިގެން ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ވަނީ ޕީޖީ އޮފީހަށް ސިޓީއެއް ފޮނުއްވާފައެވެ. މިކަމާ ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މެއި 6ގެ ޙަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

މި ޙަމަލާއާ ގުޅިގެން މީގެކުރިން އެކިފަހަރުމަތީން ރައީސް ނަޝީދުގެ ބަޔާން ނެގުމަށް މަސައްކަތް ކުރައްވާފައިވާކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ޕީޖީވެސްވަނީ ރައީސް ނަޝީދުގެ ބަޔާނަކީ މިތަހުޤީޤަށް އަދި ޝަރީއަތަށްވެސް ވަރަށް މުހިންމު އެއްޗަކަށް ވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މީހުންގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. ރައީސް، ރައީސް މުޙައްމަދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ދައުވާކުރާ 2 މީހަކަށް ވަކީލުން ހޯދުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ދީފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

މި މައްސަލާގައި އިބްތިދާއީ އަޑުއެހުމަށް މުޖާޒް އަހުމަދާއި ތަހުމީން އަހްމަދު ހާޒިރުކޮށްފައިވަނީ ވަކީލުންނާއި އެކުއެވެ. އަދުހަމް އަހްމަދާއި އަލީ ހައިޝަމް ވަކީލަކު އައްޔަންކުރަން ބޭނުންވާކަމަށް ބުނުމުން އެމީހުންނަށް ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. މި މައްސަލާގައި ގިނަ ލިޔެކިޔުންތަކެއް ހުރުމުން އެތަކެތި ދިރާސާކުރުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށް މުޖާޒް އަހުމަދާއި ތަހުމީން އަހްމަދުގެ ވަކީލުން އެދުމުން ކޯޓުން ވަނީ ފުރުސަތު ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ޖިނާޢީ ތަހުޤީގު ކުރިއަށްދާގޮތް ބެއްލެވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިނގިރޭސިވިލާތުގެ ކްއީންސް ކައުންސެލް އޮފް ޑައުޓީ ސްޓްރީޓް ކަރސްޓީ ބްރިމްލޯ އައްޔަން ކުރައްވާފައެވެ.