މިދިޔަ މެއި މަހު ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއަށް 260އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފިއެވެ. މީގެތެރެއިން 80 އަށްވުރެ ގިނަ މައްސަލައަކީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ.
ކުޑަކުދިންނާ ގުޅޭގޮތުން ހުށައެޅި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންގެ އަޚުލާޤާ ގުޅޭ މައްސަލަތަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި، ކުދިންނަށް އަޅާލުމާއި އޯގާތެރިކަން ދިނުމުގައި އިޙުމާލުވުމުގެ މައްސަލަތައް ހިމެނެއެވެ. އަދި އާއިލީ އެކިއެކި މައްސަލަތަކަށް ހުށައެޅޭ ކުދިންގެ މައްސަލައާއި އެހެނިހެން މައްސަލަތައް ހިމެނެއެވެ.
އަނިޔާގެ މައްސަލަތަކަށް ބަލާއިރު، އެކި ކަހަލަ އަނިޔާގެ 81 މައްސަލަ ކުޑަކުދިންނާ ގުޅޭގޮތުން ހުށައަޅާފައިވެއެވެ. އެއީ، 38 ފިރިހެން ކުދިންނާއި 43 އަންހެން ކުދިންނެވެ.
މީގެތެރޭގައި ޖިންސީ އަނިޔާގެ 25 މައްސަލަ، އިޙުމާލުވުމުގެ 19 މައްސަލަ، ނަފްސާނީ އަނިޔާގެ 12 މައްސަލަ ހިމެނެއެވެ. އަދި ޖިސްމާނީ އަނިޔާއާއި ހަނގާ ކުރުމާއި، އިންޓަނެޓް މެދުވެރިކޮށް ކުރާ އެކި ކަހަލަ މައްސަލަތަކަށް ކުޑަކުދިންނާ ގުޅޭގޮތުން ހުށައަޅާފައިވެއެވެ.
2026 ވަނަ އަހަރުގެ މޭއި މަހުގައި ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢި އެހީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް.@MoHmv
— Social and Family Development (@SFdevelopmentMV) June 21, 2026
2026 vana aharuge May mahugai sihhathaai, 'aailaa aai ijuthimaa'i eheeaa behey vuzaaraa ah report koffaivaa massalathakuge… pic.twitter.com/8l6fyjMqLb
މެއި މަހު އަޚުލާޤީ މައްސަލަތަކުގެ ގޮތުގައި 44 މައްސަލަ ވުޒާރާއަށް ހުށައަޅާފައިވެއެވެ. މީގެތެރޭގައި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 36 މައްސަލަ ވަނީ ހުށައަޅާފައެވެ.
އާއިލީ މައްސަލަތަކުގެ ގޮތުގައި 30 މައްސަލަ ހުށައަޅާފައިވެއެވެ. އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި 58 މައްސަލަ ހިމެނެއެވެ.
މިދިޔަ މަހު ވަނީ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި 3 ކުއްޖަކު އާއިލާގެ ބެލުމުގެ ދަށަށް އަލުން ބަދަލުކޮށްފައެވެ. އަދި 1 ކުއްޖަކު ފޯސްޓަރކޮށްފައިވެއެވެ.
ވުޒާރާގެ ހެލްޕްލައިންއަށް މިދިޔަ މަހު 3000އަށްވުރެ ގިނަ ކޯލު ކޮށްފައިވެއެވެ. އޭގެތެރެއިން 71 ކޯލަކީ، ކުޑަކުދިން އަމިއްލައަށް ގުޅައި ހުށައަޅާފައިވާ މައްސަލަތަކެވެ.