އެއް މަހާއި 10 ދުވަހަށްފަހު، އެއްދުވަސްތެރޭ ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 160އިން މައްޗަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 160އަށްވުރެ މަތިން އެންމެ ފަހުން ކޭސްތައް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ 20ވަނަ ދުވަހުއެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އަށް 169 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 49 މީހުންނަށް، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 119މީހުންނާއި، ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 80،960އަށް އަރާފައެވެ.
ކޯވިޑް 19އިގެ ކޭސްތައް ރާއްޖޭގައި ދަށުގައި އޮތުމަށްފަހު، އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާފައިވަނީ މި އަދަދު މަތިވެފައިވާތަނެވެ. އެންމެ ފަހުން 160އިން މަތިން ކޭސްތައް ފެނުނީ ޖުލައި 20ވަނަ ދުވަހުއެވެ. އެދުވަހުވެސް ޕޮޒިޓިވްވީ 169މީހުންނެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައެވެ. ޚާއްސަކޮށް މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ދަށްވެފައެވެ. ނަމަވެސް ރަށްރަށުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ މަތިވަމުންނެވެ. އަދި މޮނިޓަރިންގައިވާ ރަށްތަކުގެ އަދަދުވެސްވަނީ 25އަށް އަރާފައެވެ.
ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1709 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 118 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 79012އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5742 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 207 ދިވެހިންނާއި 19 ބިދޭސީންނެވެ.