ވިޔަފާރި

މަންޓާ އެއަރގެ ސީޕްލޭން ފްލީޓަށް ބޯޓު އިތުރުކުރަނީ


މަންޓާ އެއަރލައިންގެ ސީޕްލޭން އޮޕަރޭޝަނަށް އިތުރު ބޯޓެއް ގެނެސްފިއެވެ. މި ބޯޓާއިއެކު މަންޓާ ސީޕްލޭން އޮޕަރޭޝަންގައި ބޭނުންކުރާ ބޯޓުތަކުގެ ޢަދަދު ވަނީ 8އަށް އިތުރުވެފައެވެ.

މަންޓާ އެއަރއިން އަލަށް މިގެނައި ސީޕްލޭން ގެނެސްފައިވަނީ ކެނެޑާއިންނެވެ. މި ބޯޑު އަންނަ މަހުގެ ތެރޭގައި އޮޕަރޭޝަންގައި ބޭނުންކުރެވޭނެކަމަށް މަންޓާ އެއަރލައިން ބުނެއެވެ.

މަންޓާ އެއަރގެ ސީޕްލޭން އޮޕަރޭޝަނަށް އައު ބޯޓެއް ގެނެސްފައިވަނީ ފަތުރުވެރިކަމުގެ ހައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ އެއަރލައިނުން ބުނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނޮވެމްބަރ އަދި ޑިސެމްބަރ މަހުގެ ތެރޭގައިވެސް ސީޕްލޭންއަށް އިތުރު 2 ބޯޓު ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެއިތުރުން އަންނަ އަހަރުވެސް އިތުރު ބޯޓު ގެނައުމަށް ހަމަޖެހިފައިވާކަމަށް މަންޓާ އެއަރއިން ބުނެއެވެ. މަންޓާ އެއަރލައިން ސީޕްލޭންގެ ޚިދުމަތްދެނީ ރިސޯޓްތަކަށެވެ. ނަމަވެސް ސީޕްލޭންތަކުގައި ދިވެހިންނަށްވެސް ދަތުރުކުރެވޭނެކަމަށް މަންޓާ އެއަރއިން ބުނެއެވެ.

އެ އެއަރލައިންއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ޕައިލެޓުންނާއި ކްރޫއިން ހޯދުމަށް އުނދަގޫވުމެވެ. މަންޓާ އެއަރގެ އަމާޒަކީ އެ އެއަރލައިންގެ ޚިދުމަތް ދިނުމުގައި މުޅިންވެސް ދިވެހިން ބޭނުންކުރުމެވެ.

ސީޕްލޭން ޚިދުމަތުގެ އިތުރުން ޑޮމެސްޓިކް ދަތުރުތައްވެސް މަންޓާ އެއަރއިން އަންނަނީ ކުރަމުންނެވެ. ޑޮމެސްޓިކް ދަތުރުތަކުގައި އޭޓީއާރު މަރުކާގެ 3 ބޯޓު އެ އެއަރލައިނުން އަންނަނީ ބޭނުންކުރަމުންނެވެ. މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ.