ސައްޙަނޫން ސްލިޕެއް ފޮނުވައިގެން މާލޭގެ ފިހާރައަކުން ހޯދި 170000 އަށްވުރެ ގިނަ ރުފިޔާގެ ޑައިވިން ސާމާނުތަކެއް ހޯދައިފިއެވެ.
ފުލުހުން ބުނީ ޑައިވިންގ ސާމާނު ވިއްކާ ފިހާރައަކަށް ސްލިޕެއް ފޮނުވައިގެން، ހޯދާފައިވާ ޑައިވް ކޮމްޕްރެޝަރަކާއި، އެއާއި ގުޅުންހުރި ތަކެތި ނަގާފައިވާ މައްސަލައެއް ހުށަހަޅާފައި ވަނީ އިއްޔެކަމަށެވެ. އެ މައްސަލަ ހުށަހެޅުމާއެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެން ކުރެވުނު މަސައްކަތުން އެ ތަކެތި ފެނިފައިވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓާކަމަށް ފުލުހުން ވިދާޅުވިއެވެެ.
ފުލުހުން ވިދާޅުވީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މި މަހުގެ 16 އަދި 17 މި ދެ ދުވަހު އެ ފިހާރައިން ކޮށްފައިވާ ވިޔަފާރީގެ އަގު 171292 ރުފިޔާއަށް އަރާކަމަށެވެ. އެ ތަކެތި ހޯދުމުގައި ފިހާރައިގެ މުވައްޒަފުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ އެއްބާރުލުމާއި އެހީތެރިކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުންކަމަށެވެ.
ސައްޙަނުން ބެންކް ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.
އެގޮތުން، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، ފިހާރަތަކުން އެ ބުނެފައިވާ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފިހާރަތަކުގެ ސޭޓުންނަށް ފުލުހުންދަނީ ނަސޭހަތްތެރިވަމުންނެވެ. އަދި ފައިސާ ލިބުނުކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށާއި، ސްލިޕްގައިވާ މައުލޫމާތު ރަނގަޅަށް ޗެކް ކުރުމުގެ އިތުރުން އެކައުންޓް ނަންބަރު އަދި ފައިސާގެ އަދަދު ކަށަވަރު ކުރުމަށާއި ފައިސާ ޓްރާންސްފަރ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން ޓްރާންސްފަރ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު ނޯޓު ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން، ފައިސާ ޓްރާންސްފަރ ކުރި ސައްހަ ސްލިޕް ލިބުނުކަމުގެ ޔަގީންކަން ދިނުމާއެކު ޗެޓްލޮގް ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށާއި، ހިނގާފައިވާ މުއާމަލާތުގައި ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ފުލުުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.