ޚަބަރު

ކޭން ޓީމުގައި ހުރުމަކީ ނަސީބެއް: ނޫނޯ


ޓޮޓްނަމްގައި އިނގިރޭސި ކެޕްޓަން ހެރީ ކޭން ހުރުމަކީ ވަރަށް ބޮޑު ނަސީބެއްކަމަށް އެ ޓީމުގެ ކޯޗު ނޫނޯ އެސްޕަރީޓޯ ސަންޓޯ ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި ރޭ ސިޓީ އަތުން މޮޅުވި މެޗަށްފަހު ވާހަދައްކަމުން ނޫނޯ ބުނީ ކޭންއާ ގުޅޭގޮތުން ބުނެވޭނީ އޭނާ ހުރީ ޓީމަށް އެހީވުމަށް ތައްޔާރަށްކަމަށެވެ. އޭނާ ބުނީ ޓީމުން ވިސްނާނީ މެޗަކަށްފަހު މެޗަކަށް ކަމަށާއި މިވަގުތު ވިސްނުންހުރީ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ޔޫއެފާ ކޮންފަރެންސް ލީގުގެ މެޗަށް ކަމަށެވެ. އަދި އެ މެޗަށްފަހު ލީގުގެ ވުލްވޮސް މެޗަށް ތައްޔާރުވާނެ ކަމަށް ނޫނޯ ބުންޏެވެ.

ހެރީ ކޭންއާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ނޫނޯ ބުނީ މެޗުގެ ކުރިން ހެނދުނުވެސް ކޭން ޓީމާއެކު މަސައްކަތް ކުރިކަމަށާއި އޭނާ ހުރީ ޓީމާއެކު ދަނޑަށް ނުކުންނަށް ތައްޔާރަށް ކަމަށެވެ.

ކޭންގެ ޓްރާންސްފަރގެ ކަންތައް ހަމަނުޖެހި އޭނާ ވިއްކަން ޓޮޓްނަމުން ކިޔާ އަގު ދަނީ ބޮޑުވުމުންނެވެ. ކޭން ހޯދުމުގެ ރޭހުގައި އެންމެ ބޮޑަށް އުޅެނީ އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީއެވެ.