މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ އއ. ރަސްދޫގައެވެ. ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ރަސްދޫގައި ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ކަނބަލުންނަށް އަމާޒުކޮށްގެން ވަނީ ކުނޑި ފޮތިން ދަބަސް ހަދަން ދަސްކޮށްދޭ ކޯހެއް ކުރިއަށްގެންގޮސްފައެވެ.
ރަސްދޫފަދަ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެއްގެ ކަނބަލުން މިފަދަ މަސައްކަތެއް ދަސްކުރުމަކީ މީގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެކަމެކެވެ. ޕްލާސްޓިކް މަދުކުރަން ސަރުކާރުން އަމާޒުހިފާފައިވާއިރު މިފަދަ ދަބަސްތައް ތައްޔާރުކޮށްގެން ވިޔަފާރިއެއްގެ ގޮތުގައިވެސް ކުރެވިދާނެއެވެ. އަދި ޕްލާސްޓިކް ބޭނުންކުރުމުގެ ބަދަލުގައި މިފަދަ ދަބަސްތައް ފަހައި އަމިއްލައަށްވެސް ބޭނުންކުރެވިދާނެއެވެ.
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އއ. ރަސްދޫގައި ކުރިއަށްގެންދިޔަ ކުނޑި ފޮތިން ދަބަސް ހަދަން ދަސްކޮށްދޭ ކޯސް ކުރިއަށްގެންގޮސްފައިވަނީ ޔޫތު މިނިސްޓްރީއާއި އއ. ރަސްދޫ ކައުންސިލްއާއި ގުޅިގެންނެވެ. މި ކޯހުގައި ޖުމްލަ 20 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
2 ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯސް މިހާރު ވަނީ ނިންމާލާފައެވެ. މި ކޯސް ނިންމާލުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ އެއްފަހަރު ބެނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖެފަދަ ޖަޒީރާ ޤައުމެއްގެ ދިރިހުރުމަށްވެސް ޕްލާސްޓިކްގެ ސަބަބުން ނޭދެވޭ އަސަރު ކުރާތީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ ފަތުރުވެރިކަން ކުރިއެރުވުމުގައިވެސް ވެށި ރީތިކޮށް ބޭއްވުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ކޯސް ނިންމި ބައިވެރިންނަށް އަމާޒުކޮށް މިނިސްޓަރ ވިދާޅުވީ، މީގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭނީ ކުނޑި ފޮތިން ދަބަސް އުފައްދަން ދަސްކޮށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިގެންކަމަށެވެ.
"ފޮތި ކޮތަޅުތައް މިތާނގައި އުފައްދާފައި ރީއްޗަށް މިތާ ބެހެއްޓުމަކުން މި މަޤްސަދު ހާސިލްއެއްނުވޭ. އެކަން ހާސިލްވަނީ ތިބޭފުޅުން ފިހާރައަށް އެއްޗެހި ގަންނަންދާއިރު މިކޮތަޅު ހިފައިގެންގޮސް އެ ކޮތަޅަށް އެއްޗެހި އަޅައިގެން ގެއަށް ގެނައީމަ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލީމަ. މިއަދު ތިބޭފުޅުން ތި ދަސްކުރި ހުނަރު ބޭނުންކޮށްގެން ތިބޭފުޅުން އަމިއްލައަށް މިފަދަ ކޮތަޅު ހަދައިގެން އެހެންމީހުންނަށް ވިއްކުމުގެ މަސައްކަތްވެސް ކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މި ކޯހުގައި އެއްގޮތަކަށް ފަހަން ނުދަންނަ ކަނބަލުންވެސް ވަނީ ބައިވެރިވެފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކޯހުގެ ބައެއް ބައިވެރިން ބުނީ މި ކޯހުގެ ސަބަބުން ފެހުމުގެ ގިނަ ކަންކަން އެމީހުންނަށް ދަސްވެގެންދިޔަކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މި ކޯހުން ދަސްވި ކަންކަމަށް ބަލައިގެން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތި ކޮތަޅު ބޭނުންކުރާނެ ކަމަށް ބައިވެރިން ވަނީ ބުނެފައެވެ. އަދި މިފަދަ ގިނަ ކޯސްތައް މުސްތަޤްބަލުގައި ހިންގުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމަށްވެސް ބައިވެރިން ވަނީ ބުނެފައެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ އއ. ރަސްދޫގައެވެ. ދުވަހާއި ގުޅުވައިގެން ވަނީ ޒުވާނުންގެ ވޯޓަރ ސްޕޯޓްސް ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. އަދި ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭއެވެ. މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ކާބޯތަކެތީގެ ނިޒާމްތައް ބަދަލުކުރުން" ނުވަތަ "ޓްރާންސްފޯމިން ފުޑް ސިސްޓަމް" އެވެ.