ވިޔަފާރި

އަންދާޒާކުރި އަދަދަށްވުރެ ޖުލައިމަހު ލިބުނު އާމްދަނީ އިތުރު: މީރާ


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް ޖުލައިމަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ ޖުލައިމަހު އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 624.07 މިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 6.2 އިންސައްތަ ދަށް އަދަދެއްކަމަށް މީރާއިން މައުލޫމާތުދެއެވެ. ނަމަވެސް، މިއީ ޖުލައި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 13.6 އިންސައްތަ އިތުރު އަދަދެކެވެ.

ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 46.7 އިންސައްތަ ނުވަތަ 291.59 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 17.9 އިންސައްތަ ނުވަތަ 111.90 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 28.19 މިލިއަން ރުފިޔާ، ވޯކް ޕަރމިޓް ފީގެ ގޮތުގައި 25.92 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 56.82 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޖުލައިމަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 21.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. އެއީ 49.8 އިންސައްތައެވެ. 2 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 34.6 އިންސައްތައެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު މިއަހަރުގެ ޖުލައިމަހު އެ އިދާރާއަށް ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޢީދު ބަންދު ދުވަސްތަކުގެ ސަބަބުން، ޖުލައި މަހުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް އޮގަސްޓު މަހަށް ފަސްކޮށްފައިވުމެވެ. އަދި، 2020 ވަނަ އަހަރުގެ ޖުލައި ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖުލައި މަހު އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ލޭންޑް ސޭލްސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ވަނީ ދަށްވެފައެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބި މިއަހަރުގެ ޖުލައިމަހު މި ފީ ލިބިފައި ނުވުމަކީ އާމްދަނީ ދަށްވި ސަބަބެއްކަމަށް މީރާއިން ބުނެއެވެ.