ޚަބަރު

ރާއްޖެއިން ފުރި ޤަތަރު އެއަރވޭސްގެ ފްލައިޓެއް އިމަރޖެންސީ ހާލަތުގައި ވީއައިއޭގަ ޖައްސައިފި


ރާއްޖެއިން ދޯހާއަށް މިރޭ ފުރި ޤަތަރު އެއަރވޭސްގެ މަތިންދާ ބޯޓެއް އިމަރޖެންސީ ހާލަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން ބުނީ ދިމާވި މައްސަލައަކާއި ގުޅިގެން ޤަތަރު އެއަރވޭސްގެ ފްލައިޓް QR-677 ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އިމަރޖެންސީ ހާލަތުގައި މިރޭ 21:44ގައި ޖައްސާފައިވާކަމަށެވެ. އަދި ބޯޓުން ދަތުރުކުރި ހުރިހާ ފައިސިންޖަރުންނާއި ކްރޫއިން ރައްކާތެރިކަމާއެކު ބޯޓުން ފައިބާފައިވާ ކަމަށެވެ.

ފްލައިޓަށް ދިމާވީ ކޮންކަހަލަ މައްސަލައެއްކަން ވީއައިއޭއިން ހާމަކޮށްފައި ނުވިނަމަވެސް މި ފްލައިޓް ވީއައިއޭގައި ޖައްސާފައިވަނީ މާލެއިން ފުރިތާ ގަޑިއެއްހާއިރުތެރޭގައެވެ.

މައުލޫމާތު ލިބިފައިވާގޮތުން މި ބޯޓު އަނބުރައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ ބޯޓުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑަށް ގެއްލުންތަކެއްވުމާއި ގުޅިގެންނެވެ.


ޤަތަރު އެއަރވޭސްއަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުހުޅުވާލިފަހުން އެންމެގިނަ މީހުން ރާއްޖެއަށް ދަތުރުކުރާ އެއް އެއަރލައިނެވެ.

އެގޮތުން މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާކޮށް ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައި އެއެއަރލައިނުން ދުވާލަކު 4 ދަތުރު ރާއްޖެއަށްދަނީ ކުރަމުންނެވެ.