ވިޔަފާރި

އެޗްޑީއެފްސީއަށް 2 ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރު


މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީއަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

އެޗްޑީއެފްސީއަކީ ރާއްޖޭގެ ގެދޮރުވެރިކަމުގެ ބާޒާރުގައި އެންމެ ގިނަ ލޯނުދޭ އެއް މާލީ އިދާރާއެވެ. އެޗްޑީއެފްސީން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 48 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގެ އާމްދަނީއަކީ 47 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް އެޗްޑީއެފްސީއަށް އާމްދަނީގެ ގޮތުގައި 96 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ރިޕޯޓުން ދައްކައެވެ.

އެޗްޑީއެފްސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޝަރީއާ އުފެއްދުންތަކުންނެވެ. 2 ވަނަ ކުއާޓަރުގައި ޝަރީއާގެ އުފެއްދުންތަކުން 8.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފުރަތަމަ ކުއާޓަރުގައި މި އަދަދު އުޅުނީ 8.6 މިލިއަން ރުފިޔާގައެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން 2 ވަނަ ކުއާޓަރުގައި އެޗްޑީއެފްސީއަށް ލިބިފައިވާ ފައިދާއަކީ 27 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 21 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 22 މިލިއަން ރުފިޔާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައެވެ.

އެޗްޑީއެފްސީ އުފައްދާފައި ވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައިއެފްސީގެ 18 ޕަސެންޓް ހިއްސާ އާއި އޭޝިއަން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އޭޑީބީގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްމެންޓް އިންޑިއާގެ 15 ޕަސެންޓް ހިއްސާއާއެކުގައެވެ.