ޚަބަރު

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް، ހުށަހެޅުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހަށް ހަމަވާނެ


ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 12 ވަނަ ދުވަހަށް ހަމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މި އިނާމަށް މީހުންގެ ނަން ހުށަހެޅޭނީ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަކިން ފޯމު ހުށަހަޅައިގެންނެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން އިނާމަށް ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނާނީ، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

މި އިނާމު ދެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއެކު ދައުލަތަށް ޚިދުމަތްކޮށްފައިވާ ނުވަތަ މިހާރުވެސް ޚިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން، އެ އިދާރާއެއްގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި، އެ އިދާރާއެއްގެ ކުރިއެރުމަށް ޚާއްޞަ މަސައްކަތެއް ކޮށްފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމެވެ.

އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ އަސާސީ ޝަރުޠުތަކުގެ ތެރޭގައި، އިނާމަށް ހުށަހެޅިފައިވާ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުޢީގޮތުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެއެވެ.

ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު)ގެ ދަށުން ޢިއްޒަތް ދީފައިވާ މީހުންނާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ނުވަތަ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދީފައިވާ މީހުންގެ ތެރެއިން، އެ މީހަކު އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މައިގަނޑު މަސައްކަތާ ގުޅިގެން އިނާމު ދީފައިވާ މީހުން މި އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.