ވިޔަފާރި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ބޮޑުފޮޅުދޫއަށް މަސްކަނޑާ ތަނެއް


ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫގައި މަސް ކެނޑުމަށް ޚާއްސަ ތަނެއް ތަރައްގީކޮށްފިއެވެ. މި ޕްރޮޖެކްޓަކީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން އިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެކެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިތަން ފަރުމާކޮށްފައި ވަނީ ދުުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެ ގޮތަށް ކަމަށެވެ. މިތަނުގައި އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭނެއެވެ. ސާފު ރީތިފެން ލިބޭނެހެން ތަރައްގީ ކޮށްފައިވާ މިތަނުގައި މަސްކަނޑާ ޖާގައިގެ އިތުރުން ތަކެތި ރައްކާ ކުރެވޭނެ ގުދަނެއްވެސް މިސަރަހައްދުގައި ހަދާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއީ މަސްވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ ތަނެކެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، ބޮޑުފޮޅުދޫއަކީ މަސްވެރިން ގިނަ ރަށެއްކަމުން މިފަދަ ތަނެއްގެ ބޭނުން ރަށައް ބޮޑުކަމަށެވެ. މިތަން ޤާއިމްކުރުމާއެކު ފަސޭހަކާއެކު ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް މިސަރަހައްދު ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށަށް ތާޒާ އަދި ގަނޑުކުރެވިފައިވާ މަސް ވިއްކުމަށްވެސް އެކި ދޯނި ފަހަރު އަންނާނެ. އެހެން ކަމުން މަސްކަނޑަން ޚާއްސަ ސަރަހައްދެއް ނެތުމުން މަސް ކެނޑުމަށާއި ސާފުކުރުމަށް މީހުން އެއްވަނީ ބަނދަރު މައްޗަށް. އަދި ކުނި އުކާލަނީ މި ސަރަހައްދުގައި ބެހެއްޓިފައިވާ ޑަސްޓްބިންތަކަށް. މިހާރު ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންނަށްވެސް މިސަރަހައްދު މަސްކެނޑުމަށް ބޭނުންކުރެވޭނެ. މިއީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ޖަމިއްޔާއިން ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޖެކްޓެއް." އިބްރާހިމް ނަސީމް ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.