ޚަބަރު

ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ޚާއްޞަ ޕާކިންގ ޒޯނެއް މާލޭގައި ހަދައިފި


ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަ ޕާކިންގ ޒޯނެއް މާލޭ ހުޅަނގު ފަރާތުގައި ހަދައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްޤީކުރި މިޕާކިންގ ޒޯން ހަދާފައިވަނީ މާލޭގައި ހުންނަ ވިލިމާލެ ފެރީޓާމިނަލް ސަރަހައްދުން ސުނާމީ ބިނާ މައިޒާން ކުރިމަތީ ބޮޑުތަކުރުފާނުމަގުގައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އަލަށް ތަރައްޤީކުރި މިޕާކިންގ ޒޯނުގައި 4 ފުރޮޅުލީ އުޅަނދުފަހަރަށް 20 ޖާގަ ހަދާފައިވާކަމަށެވެ.

މި ޕާކިންގ ޒޯނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށާއި، އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ ދޫކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި ބާކީ 5 ޖާގަ ދޫކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއްވިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މި ޕާކިން ޒޯނުން ޖާގަ ދޫކުރުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށާއި، ޖާގަ ދޫކުރުމުގައި ޢަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިންގ ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށްކަމަށެވެ. އެގޮތުން މި ޒޯން ވެސް ޚާއްޞަ ކުރެވިފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށްކަމަށް އެކައުންސިލުން ވިދާޅުވިއެވެ.

ޕާކިންގ ޒޯނުންތަކުން މިހާރު ޖާގަ ދޫކުރާއިރު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ސިޓީ އަކުން ހުށަހަޅާނީ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭބަޔަށާއި، އެކަމަށް އެދި ހުށަހަޅާއިރު އައިޑީކާޑް ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއްވެސް ހުށަހަޅަންޖެހޭއިރު، ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީވެސް ހުށަހަޅަން ޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ނިންމާފައިވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750 ރުފިޔާ، އަދި އެހެނިހެން އުޅަނދުތަކަށް މަހަކު 1500 ރުފިޔާނެގުމަށެވެ. ނަމަވެސް މި ދުވަސްވަރަކީ ކޯވިޑުގެ ހާލަތުގެ ދުވަސްވަރު ކަމުން މި ޙާލަތު ބަދަލުވެއްޖެކަމަށް ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000 ރުފިޔާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއްވިއެވެ.

ވިލިމާލެއަކީ އާއްމު އުސޫލެއްގެ ގޮތުން އެއްގަމު އުޅަނދުފަހަރު އެރުވުމާއި ރަށުގައި ދުއްވުން މަނާ ރަށެކަމުން އެރަށުގައި ދިރިއުޅޭ ފަރާތްތަކުން ދުއްވާ އުޅަނދުތައް ޕާކްކޮށްފައި ހުންނަނީ މާލޭގެ ހުޅަނގު ފަރާތުގައި ހުންނަ ވިލިމާލެ ފެރީޓާމިނަލް ހިމެނޭ ސަރަޙައްދުުގައެވެ.