ވިޔަފާރި

ޓީ ބިލް އަދި ޓީ ބޮންޑު ދޫކުރި މިންވަރު %45 އިތުރުވެއްޖެ


ސަރުކާރުން ދޫކުރާ ޓީ ބިލް އަދި ޓީ ބޮންޑު ދޫކުރި މިންވަރު %45 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން މަހަކު އެއް ފަހަރު އާންމުކުރާ އިގްތިސާދީ ރިވިއުގައި ބުނާގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޓީބިލް އަދި ޓީބޮންޑްގެ އައުޓް ސްޓޭންޑިން ވަނީ 20.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަހަރުން އަހަރަށް ބަލާއިރު އެއަދަދު %45 އިތުރުވެފައިވާއިރު މަހުން މަހަށް ބަލާއިރު އެއަދަދު ވަނީ ތިނެއް އިންސައްތަ  އިތުރުވެފައެވެ.އެމްއެމްއޭއިން ބުނާގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް އަހަރުން އަހަރަށް ބަލާއިރު ބެންކުތަކާއި އެހެނިހެން ފަރާތްތަކުން ޓީބިލަށް 13.1 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ.އޮކްޓޫބަރު މަސް ނިމުނުއިރު ޓީބޮންޑުގެ އައުޓްސްޓޭންޑިން ވަނީ 7.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 3.9 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އޭގެ ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނަނީ އެބެންކުން ސަރުކާރަށް ދޫކޮށްފައިވާ ކުރު މުއްދަތުގެ ލޯނެއް މިދިޔަ އަހަރު ޑިސެމްބަރު މަހު ޓީ ބޮންޑަށް ބަދަލުކޮށްފައިވުމެވެ. އަދި ޕެންޝަން ފަންޑުން ޖުލައި މަހު ސަރުކާރަށް ދޫކޮށްފައިވާ ޓީބޮންޑުގެ ސަބަބުންވެސް ޓީ ބޮންޑުގެ އައުޓް ސްޓޭންޑިން އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.ސަރުކާރުން ވަނީ ދާދި ފަހަކުން ޓީބިލްގެ އިންޓަރެސްޓް ރޭޓްވެސް ކުޑަކޮށްފައެވެ.