 
										
			ކޯވިޑް ބަލީގައި ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެ، މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދު 200އަށް އަރައިފިއެވެ. 
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ރޭ 11:45 ހާއިރު ނިޔާވެފައިވާކަމަށެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 219އަށް އަރާފައެވެ.
 މީގެ ތެރޭގައި ހިމެނެނީ 200 ދިވެހިންނާއި 19 ބިދޭސީންނެވެ. މިބަލީގައި އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެދުވަހު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 82 އަހަރުގެ ދިވެހި ފިރިހެނެކެވެ. 
ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވެ މިބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް މަދުކުރެވިފައެވެ. 
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ 24 ގަޑިއިރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑްބަލީގައި ފަރުވާ ހޯދަމުންދާ 2606 މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންގެންދަނީ 11 މީހުންނަށެވެ. 
ޢީދު ބަންދާ ދިމާކޮށް މިދުވަސްވަރު ގިނަ ބަޔަކު ރަށްރަށަށް ދަތުރުކޮށްފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.