ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރުން އައިސް ރާއްޖޭގައި ކަރަންޓީން ވާން ނުޖެހޭގޮތަށް ލުއިދީފިއެވެ.
ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކުރި ޢިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވަރކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އަންނައިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަންވާނެކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކާއި ކޯވިޑް ވެކްސިން ފުރިހަމަކޮށް، ރާއްޖެއަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ ފަރާތްތައް އަންނަ ހޯމަ ދުވަހުން ފެށިގެން ކަރަންޓީނު ވާން ނުޖެހޭނެކަމަށެވެ.
އަދި އެ ފަރާތްތަކާއެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހޭނެކަމަށާއި، އެހެންނަމަވެސް ކޯވިޑްގެ ވެކްސިން ގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5 ދުވަހާއި 7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.
ޕޮޒިޓިވްވިތާ 60 ދުވަސްނުވާ މީހުންނާއި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި އެމީހުންގެ ދަރިން ކަރަންޓީން ވާން ނުޖެހުނުނަމަވެސް އެ ހާލަތަށް ނުފެތޭ ފަރާތްތައް ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހެއެވެ.
އަދި އެފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންކަން އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.
މިއުޞޫލުގެ ދަށުން އަންނަ ފަރާތްތައް ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެންކަމަށާއި،
ރާއްޖޭން ބޭރުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް މި ލުއި، ދެވޭނީ އެޤައުމެއްގައި ބަލީގެ ޙާލަތު އޮތްގޮތަށް ބަލައިގެންކަންވެސް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.