 
										
			ނަފްރަތު އުފެއްދުން ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހެޅި ބިލު އިތުރަށް ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނިވައިފިއެވެ. 
މިބިލް އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީން މި ބިލް ދިރާސާކޮށް ފާސްކުރި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހުގައެވެ. 
މިބިލު ދިރާސާކުރި ގޮތުގެ ރިޕޯޓު ހުށައަޅުއްވަމުން ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަޙްމީ ވިދާޅުވީ ބިލަށް ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ފަރާތްތަކުން ޚިޔާލު ހުށައަޅާފައިވާކަމަށެވެ. މިބިލާމެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުގެ ވާހަކަތަކާއި ގުޅިގެން އިމްތިޔާޒް ވިދާޅުވީ ބިލު ރަނގަޅަށް ބައްލަވައިފިނަމަ އެފަދަ ފަރާތްތަކުން ކަންބޮޑުވާންޖެހޭވަރުގެ ކަންކަން ބިލުގައި ނެތްކަން ފާހަގަވާނެކަމަށެވެ. އެހެން ނަމަވެސް ކޮމިޓީ ރިޕޯޓަށް ބަހުސްކުރެއްވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމުގެ ޝަކުވާތައް އެތައްބަޔަކު ހުށައަޅާފައިވުމުން އަލުން އަނެއްކާވެސް ކޮމިޓީއަށް ފޮނުވައި ބިލު އިތުރަށް ދިރާސާކުރުން މުހިއްމުކަމަށް ވިދާޅުވެފައެވެ.  
މިއާއެކު މަޖިލީހުގެ ޖަލްސާއިން ނިންމާފައިވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އަޒިމް ހުށައެޅުއްވި ގޮތަށް ބިލަށް ގެނައި އިސްލާހުތަކާއެކު ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިގެން ބިލު އިތުރަށް ދިރާސާކޮށް ހުރިހާ ޕާޓީތަކާއި މަޝްވަރާކޮށްގެން ބިލު އިތުރަށް ފުރިހަމަކުރުމަށެވެ. 
"މިބިލަށް ހުށައެޅިފައިވާ އިސްލާހަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ޚާއްސާސްކޮށް، ވަރަށް ނުތަަނަވަސް ޚިޔާލުތަފާތުވުންތަކެއް ގިނަ އިސްލާހެއްކަމުގައި އަޅުގަނޑު ދެކެނީ. އެމްޑީޕީގެ ފިކުރަކީ އަބަދުވެސް ހުރިހާ ފަރާތްތަކާއި މަޝްވަރާކޮށް ވާހަކަދައްކާކަންކަމުގައި އިތުރަށް ބަލަންޖެހޭ ކަމެއްވާނަމަ އެކަމެއް ބަލައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރާނެ" އަލީ އާޒިމް ވިދާޅުވިއެވެ. 
ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ފެންނަކަމަށް 39 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ. އަދި ނުފެންކަމަށް 3 މެންބަރަކުވަނީ ވޯޓުދީފައެވެ. 
ކޮމިޓީ ރިޕޯޓަށް ބަހުސްކުރަން ހުޅުވާލުމުން ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރުންގެ މެދުގައިވެސް މިބިލާއި ގުޅިގެން ހޫނު ބަހުސެއް ކުރެވިގެންދިޔައެވެ. އަދި ބިލު އަނބުރާ ގެންދިއުމަށް މެންބަރަކު ގޮވާލެއްވުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ވަނީ ބިލު އަނބުރާ ގެންދިއުމުގެ ފުރުސަތު މިހާރުނެތްކަން ފާހަގަކުރައްވާފައެވެ. 
މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ މަޖިލީހަށް ބިލެއް ބަލައިގަތުމަށްފަހު ކޮމިޓީ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް އައުމަށްފަހު ނުތަނަވަސްކަމެއް އޮތްނަމަ ދެން އޮންނާނީ އަނބުރާ ކޮމިޓީއަށް ފޮނުވުންކަމަށެވެ. 
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށައެޅުމާއެކު ގިނަބަޔަކު ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، ސިޔާސީ ޕާޓީތަކާއި ގިނަ ކައުންސިލްތަކުންވެސް ވަނީ އެބިލާމެދު ކަންބޮޑުން ފާޅުކުރައްވާފައެވެ.