ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓަރީ އިންކުއަރީ ނިންމުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އިންކުއަރީގެ ރިޕޯޓު ފާސްކުރީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އިންކުއަރީގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ނަމަވެސް އިންކުއަރީގެ މަސައްކަތް ނިންމާލުމަށް ބޭއްވި ބައްދަލުވުން ކުރިއަށްގެންދިޔައީ ހުޅުވާލައިގެންނެވެ. 
މިބައްދަލުވުމުގައި 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީގެ ރިޕޯޓުގައި ޤައުމީ ސަލާމަތާއި ގުޅުހުން ހުރި އަދި ހިންގަމުންދާ ތަޙުޤީގާއި ގުޅުހުން ހުރި މަޢުލޫމާތުތަކެއް ހިމެނޭތީ އެ ރިޕޯޓުން ހާމަކުރާނީ އެފަދަ މައުލޫމާތު އުނިކުރުމަށްފަހުކަމަށެވެ. ނަމަވެސް މުޅި ރިޕޯޓުގައި ހިމެނޭ ޤައުމީ ސަލާމަތާއި ގުޅުހުން ހުރި ކަންކަމުގެ މައުލޫމާތުތަކާއި ތަޙުޤީގާއި ގުޅޭ ކަންކަން ހިމެނޭގޮތަށް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރާ ހިއްސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
މި ރިޕޯޓުގައި ރައީސް ނަޝީދަށް ޙަމަލާދިން ގޮތް ހިމެނުމުގެ ގޮތުން އެމަނިކުފާނުގެ ޕްރޮފައިލަކާއި، ތްރެޓް ލެވަލް އޮތް މިންވަރުގެ އިތުރުން ތްރެޓް ހިސްޓްރީއާއި، އިންކުއަރީން ބެލި ކަންކަން ވަނީ ހިމަނާފައެވެ. 
		
			
މި ރިޕޯޓު ފާސްކޮށްފައިވަނީ ޖުމަލް 45 ހުށަހެޅުމަކާއެކުގައެވެ. 
		
			
ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި ގުޅޭގޮތުން ހެދި އިންކުއަރީއަށް ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރުގެ އިތުރުން، ސިފައިންގެ އިސްވެރިންނާއި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެސްޕީޖީގެ ސިފައިންނާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ވެސް ހާޒިރުކޮށް ސުވާލުކުރިއެވެ.  އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިންވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ. މީގެ އިތުރުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމާއި މާލެސިޓީގެ ކުރީގެމޭޔަރު ސިފާ މުޙައްމަދުވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.
241 ކޮމިޓީން އިންކުއަރީ ރިޕޯޓު ފާސްކުރަން ބޭއްވި ބައްދަލުވުމުގައި އެކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނާއިބް ރައީސް އިވާ އަބްދުﷲ ވަނީ އިންކުއަރީގެ މަސައްކަތަކީ މީގެކުރިން މަޖިލީހުން ނުކުރާ އަދި މުޅިން އަލަށް ކުރި މަސައްކަތެއްކަމަށާއި، އިންކުއަރީގެ މަސައްކަތަށް ކޮމިޓީގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ މެންބަރުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަކަމަށެވެ.