ޚަބަރު

ބޭރަށް ފުރާ މުއްސަނދިންގެ އަތުން ނަގާ ފީ ބޮޑުކޮށް، ޑިޕާޗަރ ޓެކްސް ނަގަން ފާސްކޮށްފި


ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުން ދަތުރުކުރާ ކްލާހަށް ބަލައި އެމީހުންގެއަތުން ނަގާ ފީއަށް ފަރަގު ގެނައުމާއެކު، މިހާރު ނަގަމުންދާ އެއަރޕޯޓް ސަރވިސް ޗާޖުގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ކަމާގުޅޭ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގެ ބިލު ރާއްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެއަރޕޯޓު ސަރވިސް ޗާޖުގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ކަމާގުޅޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙުގެ ބިލު އިޤްތިސާދީ ކޮމިޓީން ނިންމިގޮތަށް އަދި މުޅި މަޖިލީހުގެ ކުޑަކޮމިޓީން ފާސްކުރިގޮތަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި 42 މެންބަރުންގެ ވޯޓުންނެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނުގައި މިހާރު އޮންނަ ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ.

ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ 2020ވަނަ އަހަރުގެ މާޗުގެ މަހުން ފެށިގެން އެއަރޕޯޓް ސަރވިސް ޗާޖު ނެގުން ހުއްޓާލުމަށްފަހު، ހަމަ އެހަރުގެ އޭޕްރީލްއިން ފެށިގެން ޑިޕާޗަރ ޓެކްސްއެއް ނެގުމަށެވެ.

މި ބިލް ދިރާސާކުރެއްވުމަށްފަހު އިޤްތިސާދީ ކޮމިޓީންވަނީ އަންނަ 2022ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުންގެ އަތުން ނަގާ ފީ ދަތުރުކުރާ ކްލާސްގެ ގޮތުން ފަރަގެއް ގެނައުމަށް ފާސްކޮށްފައެވެ. މި ބިލު މަޖިލީހުން ފާސްކުރުމުން ބޮޑުވެގެން ދާނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ އާއި އަގުބޮޑު ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ މުއްސަނދިންގެ އަތުން ނަގާ ފީއެވެ. ނަމަވެސް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ފީނަގާނީ ކުރިންވެސް ނަގަމުން އައި މިންވަރަށެވެ.

އެގޮތުން ސަރުކާރުން ހުށައެޅި ގޮތަށް ކޮމިޓީން ފާސްކުރީ ޑިޕާޗަރ ޓެކްސް ނަގާނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރުކަމަށެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާނީ 60 ޑޮލަރެވެ. މީގެ އިތުރުން ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމަށް ހުށަހަޅާފައިވާއިރު ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް މިބިލުގައި ހުށަހަޅާފައިވެއެވެ.

ޑިޕާޗރ ޓެކްސްގެ އިތުރުން މިހާރު ނަގަމުންދާ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ.

ޑިޕާޗަރ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނަގާނެ ފީގެ ޢަދަދު

  • އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
  • ބިޒްނަސް ކްލާސް: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު
  • ފަސްޓް ކްލާސް: ދިވެހިން - 180 ޑޮލަރު / ބިދޭސީން - 180 ޑޮލަރު
  • ޕްރައިވެޓް ޖެޓް: ދިވެހިން - 240 ޑޮލަރު / ބިދޭސީން - 240 ޑޮލަރު

ސަރުކާރުން ވިދާޅުވީ މިއީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ޤާބިލުކަން ހުރި ތަނަވަސް ފަރާތްތަކުގެ އަތުން ނަގާ ފީ ބޮޑުކޮށް، ދައުލަތަށް އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ގެނެސްފައިވާ އިސްލާޙުތަކެއްކަމަށެވެ.

މި ބިލު އިޤްތިޞާދީ ކޮމިޓީން ނިންމާފައިވަނީ ބިލުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ހެދުމަށް މުއްދަތެއް ހިމެނުމާއި މެދު އެޓާރނީ ޖެނެރަލް އޮފީހުގެ އެލަފާގެ މަތިން ގަވާއިދުތައް އެކުލަވާލުމަށް 3 މަސްދުވަހުގެ މުއްދަތެއް ދިނުމަށެވެ. މި ބިލާގުޅޭ ރިޕޯޓު މުޅިު މަޖިލީހުގެ މުޅި ކޮމިޓީއަށް ހުށައަޅުއްވަމުން އިޤްތިސާދީ ކޮމިޓީގެ މުޤައްރިރު އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވީ ބިލް ފާސްކުރީ އިކޮނަމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިތުރުން މަރުކަޒީ ބޭންކާއި ދަޢުލަތުގެ މާލީ ކަންކަމާގުޅޭ އިދާރާތަކުން މައުލޫމާތު ހޯއްދެވުމަށްފަހުގައިކަމަށެވެ.

އަދި މިބިލަށް ޚިޔާލު ހޯދުމަށް އާންމުކޮށް ހުޅުވާލާފައިވާއިރު، ކަމާގުޅުންހުރި އެއްވެސް އިދާރާއަކުން ކަމެއް ހުށައަޅާފައިނުވާކަމަށް ކޮމިޓީން ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު މެންބަރުންވަނީ ކަމާގުޅުހުންހުރި ތަޖުރިބާކާރުންގެ ބަސް ނުހޯދާކަމަށްވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު މިބިލްގެ ރިޕޯޓަށް ބަހުސްކުރުމަށްފަހު، އިޤްތިޞާދީ ކޮމިޓީން ފާސްކުރިގޮތަށް މަޖިލީހުން ބިލް ފާސްކުރަން ފެންނަކަމަށް ފާސްވީ 42 މެންބަރުންގެ ވޯޓުންނެވެ. މިބިލް ކޮމިޓީން ހުށައެޅިގޮތަށް ފާސްކުރަން ނުފެންނަކަމަށް ވޯޓުދީފައިވަނީ 1 މެންބަރެކެވެ.