ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މެމްބަރެއްކަމަށާ، މީހާގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލައި، އެނާ އެމްޑީޕން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.
އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.
އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނިކަމުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ބުނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ކުރިޓްވީޓްކުރުމަކީ އެޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށާއި، އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.
ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ އެޕާޓީ އިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށާއި، އެފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ އެފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށަކަށްވާއިރު، އެ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، އަދި ހިއްވަރުދޭ ފަރާތްތަކާއިމެދު އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ހިންގައި ހައްޤު އަދަބު ދިނުން މުޙިއްމުކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ޙައްޤު ޢަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީންވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ބަޔާނުގައިވަނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ އެ ޕާޓީގެ މެންބަރުގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލައި އޭނާ ޕާޓީން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާކަމަށެވެ.
ރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުންވަނީ އެދިފައެވެ. މިއާއެކު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ފިޔަވަޅުތައް މިހާރުވަނީ އިތުރަށް ވަރުގަދަކޮށްފިއެވެ.
ދޭދޭ ޤައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ނުފެތުރުމަށް ސަރުކާރުންވަނީ މީޑިއާތަކާއި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.