ހައިކޯޓަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 350އަށްވުރެ ގިނަ މައްސަލަ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެކޯޓުން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ ނިޔަލަށް އެ ކޯޓުންވަނީ ކުރިން ހުށައަޅާފައިވާ މައްސަލަތައްވެސް ހިމެނޭހެން ޖުމްލަ 357 މައްސަލަ ބަލައި ނިންމާފައެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކޯޓުތަކުގައި ޝަރީޢަތްތައް ބާއްވަން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތަށް މިއަހަރު ފެށުމާއެކު މައްސަލަތައް ކުރިއަށްގެންދިޔަ ނަމަވެސް އޭޕްރީލް މަހުގެ ފަހުކޮޅުންފެށިގެން ކޯވިޑްގެ ނުރައްކާބޮޑުވެ އެޅި ހަރުކަށި ފިޔަވަޅުތަކާއެކުވެސް އެކޯޓުން ޝަރީއަތްތައް ކުރިއަށްގެންދިޔައީ މުޅިންވެސް އޮންލައިންކޮށެވެ.
ހައިކޯޓުން މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި އެންމެގިނަ މައްސަލަތައް ނިންމާފައިވަނީ މާޗްމަހުގެ ތެރޭގައެވެ. އެމަހު 100 މައްސަލަ ނިންމާފައިވާއިރު، ދެން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. ކޯވިޑްގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ އޭޕްރީލް މަހާއި، މެއި މަހު އެކޯޓުންވަނީ 69 މައްސަލަ ނިންމާފައެވެ.
ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެކޯޓުން އެންމެ ގިނައިން ނިންމާފައިވަނީ މަދަނީ މައްސަލަތަކެވެ. އެގޮތުން ޖުމްލަ 178 މަދަނީ މައްސަލަ ނިންމާފައިވާއިރު، ދެން އެންމެ ގިނައިން ހައިކޯޓުން ނިންމީ ޖިނާޢީ މައްސަލަތަކެވެ. ޖިނާޢީ މައްސަލައިގެ 110 މައްސަަލަ 6 މަސްދުވަހުގެ ތެރޭގައި ނިންމާފައިވެއެވެ. ތިން ވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ.
ހައިކޯޓުން ވިދާޅުވީ މިއަހަރުގެ ފުރަތަމަ 6 މަސްތެރޭގައި އެކޯޓަށް ޖުމްލަ 354 މައްސަލަ ހުށައަޅާފައިވާކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ 117 މައްސަލަ ކޯޓަށް ބަލައިގެންފައެއްނުވެއެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކޮށްފައިވަނީ 240 މައްސަލައެވެ.
އޭގެ ތެރެއިން އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. 81 މަދަނީ މައްސަލަ ރަޖިސްޓްރީ ކޮށްފައިވާއިރު، ޖިނާޢީ މައްސަލަތަކުގެ ގޮތުގައި 73 މައްސަލައެއްވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.
މިދިޔަ 6 މަސްތެރޭގައި އެންމެ ގިނައިން މައްސަލަތައް ރަޖިސްޓްރީކޮށްފައިވަނީ މާޗް މަހާއި މެއި މަހުގެ ތެރޭގައެވެ. އެއިން ކޮންމެ މަހެއްގައިވެސް 50 މައްސަލަ އެކޯޓަށް ވަނީ ހުށައަޅާފައެވެ. އަދި އެއިން ކޮންމެ މަހެއްގައި 26 މައްސަލައެއް ހައި ކޯޓުން ރިޖެކްޓްކޮށްފައިވެސްވެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހައިކޯޓަށް މައްސަލަ ހުށައަޅާފައިވަނީ މެއި މަހުގެ ތެރޭގައެވެ. މެއި މަހު 76 މައްސަލަ ހުށައަޅާފައިވާއިރު، 64 މައްސަލައެއް މާޗްމަހުވަނީ ހުށައަޅާފައެވެ. ތިން ވަނަ އަށް އެންމެ ގިނަ މައްސަލަ އެކޯޓަށް ހުށައަޅާފައިވަނީ ޖެނުއަރީ މަހުގައެވެ. އެއީ 58 މައްސަލައެވެ.
ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ. އަދި ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީވެސް ހައިކޯޓުގައެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޤައުމީ ބޮޑެތި އިންތިޚާބުތަކާއި ގުޅޭ މައްސަލަތައްވެސް ބަލާނީ ހައިކޯޓުންނެވެ.
ހައިކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށް މައްސަލަތައް ބަލަމުންދާއިރު، އެކޯޓަށް ހުށައެޅޭ މައްސަލަތައް ބެލުމަށް 11 ފަނޑިޔާރުން ތިއްބަވައެވެ.