ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލިތާ 43 ދުވަސް ފަހުން މިރޭ ފަތިސްނަމާދުން ފެށިގެން އަނެއްކާވެސް ޖަމާއަތްގައި ނަމާދުކުރަން ފަށާނެކަން އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 
މާލެ ސަރަހައްދުގައި ކޯވިޑްގެ ނުރައްކާ ކުޑަވުމާއެކު ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދޭން ނިންމާގައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން ރައީސްވަނީ ގައިދުރުކަމާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދޭން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. 
ފިޔަވަޅުތަކަށް ދޭން ނިންމި ލުއިތަކާއެކު، މިރޭ ފަތިސް ނަމާދުން ފޭސީގެން ޖަމާޢަތުގައި ނަމާދުކުރަން ފަށާނީ ގައިދުރުކަން ބަހައްޓަކައިގެންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިރޭގެ ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަމަށެވެ. 
އެގޮތުން ޖަމާއަތަށް ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން މިސްކިތަށް ވަޑައިގަތުމާއި، އަމިއްލަ މުސައްލަ ހިއްޕަވައިގެން މިސްކިތަށް ވަޑައިގަތުމުގެ އިތުރުން ނަމާދުކުރާއިރު މާސްކު އަޅައިގެން ތިބުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 
މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މިސްކިތަށް ވަޑައިނުގެން ގޭގައި ނަމާދުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. 
"ބައެއް ފަހަރު އަޅުގަނޑުމެންނަށް ފެނޭ މިސްކިތަށް ވަޑައިގެން ބައެއް ބޭފުޅުން، ނަމާދުކުރާއިރު މާސްކު ނަގާ މަންޒަރު، މިއީ ފަހަރެއްގައިވެސް ރަނގަޅުގޮތެއްނޫން. އެއީ މާސްކު އަޅައިގެން ނަމާދުކުރުން ހުއްދަ. މާސްކު އަޅައިގެން ނަމާދުކުރިޔަސް އެ ނަމާދު ސައްޙަވާނެކަމަށް އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ. އެހެންވީމަ މިކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމާއެކީގައި މިސްކިތަށް ވަޑައިގެން ނަމާދުކުރުން އަޅުގަނޑުމެން މިރޭ ފަތިސް ނަމާދުން ފެށިގެން މި ހުޅުވާލަނީ" މިނިސްޓަރ ވިދާޅުވިއެވެ. 
މާލެ ސަރަަޙައްދުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، އޭރުއޮތް ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް ބަލިމަޑުކަން  ފެތުރުން ހުއްޓުވުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން މިސްކިތްތަކުގައި ޖަމަޢާތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނިންމާފައިވަނީ މިދިޔަ މެއިމަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ.