ކޯވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް ދޫކުރި ލޯނު، 161 ކެފޭ ރެސްޓޯރަންޓަށް ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާސު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މިދިޔަ އަހަރު ސަރުކާރުން ދޫކުރި ލޯނު ލިބުނީ ރެސްޓޯރެންޓު ދާއިރާގެ އެންމެ 4 ވިޔަފާރިއަކަށް ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފައިވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާއިއެކު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ކޯވިޑް ރިލީފް ލޯނުގެ ދަށުން 942 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައިވާކަމަށެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް ކޯވިޑް ރިލީފް ލޯނު 2200 ފަރާތަކަށް 363 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ލޯނުތައް ކެފޭ ރެސްޓޯރަންޓްތަކަށްވެސް ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، 161 ކެފޭ ރެސްޓޯރަންޓަކަށް 49 މިލިއަން ރުފިޔާގެ ލޯނު ކޯވިޑް19 އިން އަރައިގަތުމަށް ދޫކޮށްފައިވާކަމަށެވެ.
"ޚާއްސަކޮށް ކެފޭ ރެސްޓޯރަންޓްތަކުގެ ވާހަކަ ނޫސްތަކުގައި އޮތުމާއި ގުޅިގެން ބައެއް މައުލޫމާތު ރަނގަޅުނޫންކަމުގައި ވާތީ އަޅުގަނޑު އެކަން ރަނގަޅުކޮށްލަން ބޭނުން. ބީއެމްއެލްގެ ފަރާތުން ދޫކުރި ލޯނުތަކުގެ ތެރޭގައި 5 ފަރާތަކަށް ޖުމްލަ 16 މިލިއަން ރުފިޔާގެ ލޯނު ކެފޭ ރެސްޓޯރަންޓްތަކަށް ދޫކުރެވިފައިއެބަވޭ. އަދި އޭގެ އިތުރުން އެސްއެމްއީ ބޭންކުގެ ފަރާތުން 156 ކެފޭ ރެސްޓޯރަންޓަށް ޖުމްލަ 33 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި. އަދި 156 ފަރާތުގެ ތެރެއިން 90 ފަރާތަކީ ގްރޭޓަރ މާލެ ރީޖަންއަށް ނިސްބަތްވާ ކެފޭ ރެސްޓޯރަންޓްތައް." މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް19 އާއިއެކު މާލެ ސަރަހައްދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ތިބެގެން ޚިދުމަތްދިނުން ސަރުކާރުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މިއާއިއެކު ރެސްޓޯރަންޓް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ ޖުލައި 1 އިން ފެށިގެން ފަތިހު 4:00 އިން ރޭގަނޑު 8:00 އަށް ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ތިބެގެން ޚިދުމަތް ހޯދޭނެގޮތަށް ބަދަލުގެނެސްފައެވެ.