ކުޅިވަރު

ބްރެޒިލް މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް


ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އެކުއެޑޯއާ 1-1 އިން އެއްވަރުވެ، 10 މެޗަށް ފަހު ބްރެޒިލްގެ މޮޅުވުމުގެ ރެކޯޑަށް ނިމުން އަތުވެއްޖެއެވެ. ފުރަތަމަ ހާފުގައި ބްރެޒިލުން ލީޑުނެގީ 37 ވަނަ މިނިޓްގައި ފަހަތަށް ކުޅޭ އެޑާ މިލިޓާއޯ ޖެހި ގޯލުންނެވެ.

މިލިޓާއޯ މި ގޯލު ޖެހީ އެވަޓަން ސޮއާރޭސް ނެގި ހިލޭ ޖެހުމަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ ރެއާލް މެޑްރިޑަށް ކުޅޭ މިލިޓާއޯ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާ ގިނައިރެއް ނުވެ އެކުއެޑޯ އިން ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 53 ވަނަ މިނިޓްގައި ގޯލު ކާމިޔާބުކުރީ އެނާ ވެލެންސިއާ ދިން ބޯޅައަކުން އެންހެލް މެނާ. މެޗުގެ ކުރިން މުބާރާތުގެ ކުއާޓަފައިނަލުން ބްރެޒިލް ޖާގަ ހޯދައިފައި ވުމުން ރޭގެ މެޗުގައި ނޭމާ އާއި ގެބްރިއަލް ޖެސުސް ނުހިމަނައެވެ. އަދި ޓީމުގެ މުހިންމު ކުޅުން ތެރިންނަށް ވަނީ އަރާމް ކުރަން ފުރުސުތު ދީފައެވެ.

ކުއާޓާ ފައިނަލުން ބްރެޒިލް ފުރުސަތު ހޯދީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަނަ އަށް ދިޔައީ ރޭ ވެނެޒުއޭލާ 1-0 އިން ބަލިކުރި ޕެރޫއެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ދެން މި ގްރޫޕުން ކުއާޓާ ފައިނަލުގެ ދެ ޖާގަ ލިބުނީ ތިން ވަނައިގައި ނިންމާލި ކޮލަމްބިއާ އާއި ހަތަރެއްގައި ނިންމާލި އެކުއެޑޯއެވެ. ކޮލަމްބިއާ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެކުއެޑޯއަށް ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލަށް ގޮސް މި ގްރޫޕުން ކެޓި ވެނެޒުއޭލާ އޮތީ ދެ ޕޮއިންޓާއެކުގައެވެ. ފުރަތަމަ ކުޅުނު ތިން މެޗުން ވެސް މޮޅުވެފައި އޮތް ބްރެޒިލް ރޭ އެއްވަރުވިއިރު، އެންމެ ފަހުން އެ ޓީމަށް މޮޅެއް ނުހޯދުނީ އެކުވެރިކަމުގެ މެޗެއްގައި 2019 ވަނަ އަހަރު ނޮވެމްބަރު މަހު އާޖެންޓީނާ އަތުންނެވެ. މިރޭ ގުރޫޕްގެ ފަހު މެޗުގައި އާޖެންޓީނާ ބޮލީވިޔާއާ ދެކޮޅަށް ނުކުންނާނެއެވެ.