27 ޖޫންއިން ފެށިގެން އަންނަ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމާފައިވާކަން ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެހެން ބާއްވަންޖެހޭ ޚާއްޞަ
ޝަރީޢަތްތަކުގެ އަޑުއެހުންތައް އެކަނިކަމަށެވެ. އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޖިލިސްތައް ބޭއްވުމާއި، ތަޙްޤީޤުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް އެކޯޓުން ކުރަމުން ގެންދާނެއެވެ.
ރިސެސްގެ މުއްދަތުގައި ކުރާނެ ކަންކަމުގެ ތެރޭގައި މުރާޖަޢާކުރެވުނު ޖިނާޢީ އިޖުރާއަތުގެ ޤަވާއިދަށް ކްރިމިނަލް ކޯޓުގެ ޤާޟީންނާއި ލީގަލް މުވައްޒަފުން އަހުލުވެރިވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމަކާއި ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އެކޯޓުން ފާހަގަކުރިއެވެ.
މީގެ އިތުރުން އެކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި ކޯޓުގެ މުވައްޒަފުންގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން ކޯޓުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ކަމާބެހޭ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެކަން ކްރިމިނަލް ކޯޓުންވަނީ ހާމަކޮށްފައެވެ.