ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 150އިން ދަށަށް ހިނގައްޖެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއާއި އަތޮޅުތަކުން ޕޮޒިޓިވްވި މީހުންގެ ޢަދަދުވެސް ވަނީ 100އިން ދަށަށް ޖެހިލާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ހުކުރުދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް އަލަށް ޕޮޒިޓިވްވީ 142 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 51 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 88މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 2މީހަކާއި ތަރައްޤީ ކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 1 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޖުމްލަ 71،498މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރުވަނީ 6،106 އަށް ދަސްވެފައެވެ. މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން 53 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 964 މީހުން ވަނީ ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 65،178 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،520ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް ބަލީގަ ނިޔާވި މީހުންގެ އަދަދުވަނީ 203 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 186 ދިވެހިންނާ 17 ބިދޭސީންނެވެ.