މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް، ސަރުކާރުން ކަނޑައަޅުއްވާ އުޞޫލުތަކާއި ޝަރުތުތަކާއި އެއްގޮތްވާގޮތުގެ މަތިން ފަރުވާ ހޯދައިދޭ ރިހެބިލިޓޭޝަން ސެންޓަރުތައް އަމިއްލަ ފަރާތްތަކާ ހަވާލުކުރާ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާހު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން ފާސްކުރައްވައިފިއެވެ.
ހޮޅުދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދު މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ހުށައެޅުއްވި މި އިޞްލާހުގެ މަޤްޞަދުގައި ބުނެފައިވަނީ، މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ވަކިވަކިން ޤާއިމްކުރުމުގެ ބަދަލުގައި އެކި ބާވަތުގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަޔަކުން ޚިދުމަތް ބައްޓަންކުރުމަށް މަގުފަހިކުރެއްވުންކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހިންގޭ ފަރުވާދޭ މަރުކަޒުތައް ސަރުކާރުން ކަނޑައަޅާ އުޞޫލުތަކާއި، ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެމަތިން އަމިއްލަ ފަރާތްތަކާއި ޙަވާލުކޮށްގެން ހިންގޭނެ މަގުފަހިކުރުމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވޭނެ އުޞޫލުތައް ތަޢާރަފްކުރުންކަމަށް ބުނެފައިވެއެވެ.
މިއިޞްލާހުގައި ބުނެފައި ވަނީ މި އިޞްލާހު މަޖިލީހުން ފާސްވެ އެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑިޓޮކްސިފިކޭޝަން މަރުކަޒަކާއި، ޑްރަގު ޓްރީޓްމަންޓް އެންޑު ރިހެބިލިޓޭޝަން މަރުކަޒަކާއި، ކުޑަކުދިންނަށް ޚާއްސަ ޓްރީޓްމަންޓު އެންޑް ރިހެބިލިޓޭޝަން މަރުކަޒެއްގެ އިތުރުން އަންހެނުންނަށް ޚާއްސަ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން މަރުކަޒެއް ޤާއިމުކުރަން ވާނެ ކަމަށެވެ.
ހަމައެއާއެކު ހާފްވޭ ހައުސްއެއް ވެސް ޤާއިމުކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި މިތަންތަން އަމިއްލަ ފަރާތްތަކާއި ޙަވާލުކޮށްގެން ހިންގިދާނެކަމަށްވެސް މި ބިލުގައި ބުނެފައިވެއެވެ. އަދި އާއްމު ފަރާތްތަކަށް އެފަދަ މަރުކަޒުތައް ހިންގަން ހަވާލުކުރާއިރު އެފަދަ ތަންތަން ހިންގަން ހަވާލުކުރާނީ އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކުރެވޭ އާއްމު އިއުލާނެއްގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން މިއިޞްލާހު މަޖިލީހުން ފާސްވެ ޤާާނޫނަކަށް ވުމުން، އެއަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ޑްރަގު އޮފެންޑަރ ރިމާންޑު ސެންޓަރެއް އުފައްދަންވާނެ ކަމަށާއި، އެ ސެންޓަރު ހިންގާނީ ސަރުކާރުން ކަމަށް ބުނެފައިވެއެވެ. އަދި އެއްވެސް އެހެން ފަރާތަކަށް އެ ސެންޓަރު ހިންގުން ހަވާލު ކުރެވިގެން ނުވާނެ ކަމަށް ވެސް އިސްލާޙުގައި ބުނެފައިވެއެވެ.