ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި ލިޔުމެއްގައި ބުނީ އެކިއެކި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކާ މިނިވަން ފަންސާހުގެ ޕްރޮމޯޝަންގެ ނަމުގައި ނުދަންނަ ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުން އިތުރުވަމުންދާތީ، ރައްޔިތުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކުރާ ކަމަށެވެ.
ބޮޑެތި ކުންފުނި ނުވަތަ ޖަމާޢަތްތަކުގެ ނަމުގައި ތަފާތު ޕްރޮމޯޝަންތަކުން ނަން ހޮވިފައިވާކަމަށް ބުނެ، އޮޅުވާލައިގެން މަކަރާ ޙީލަތުން ފައިސާ ހޯދައި، ރީލޯޑް ކުރުމާއި ރާސްޓަސް އެޅުމުގެ އިތުރުން ބޭންކް ޑެބިޓް ނުވަތަ ކްރެޑިޓް ކާރޑުގެ މަޢުލޫމާތު ހޯދައިގެން ފައިސާ ހޯދާއިން ބޮޑެތި ގެއްލުންތައް ލިބިގެން ހުށަހެޅެމުންދާ މައްސަލަތައް ދުވަހުން ދުވަހަށް އިތުރު ވަމުންދާކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި މިފަދަ ކަންކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ސަމާލުކަން އިތުރު ކުރުމަށް މީގެ ކުރިންވެސް ނަސޭޙަތްތެރިވެ ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައިވާ ކަން ފުލުހުން ފާހަގަ ކުރައްވާފައިވެއެވެ.
ދިވެހި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރި ނުވަތަ ޖަމިއްޔާ ތަކުގެ ނަމުގައި އެކިފަރާތްތަކަށް ގުޅައި ޕްރޮމޯޝަނަކުން ނަން ހޮވިފައިވާކަމަށް ބުނެ އޮޅުވާލައިގެން ވާހަކަ ދެއްކުމަށްފަހު ރީލޯޑް ކުރުމުން އިނާމު ލިބޭނެކަމަށް ބުނެ ތަފާތު ޢަދަދުތަކުން ރީލޯޑް ކުރާކަމަށް ހުށަހެޅޭ މައްސަލަތައް އިތުރުވެފައިވާއިރު އެފަދަ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދީ ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު މިގޮތަށް ގުޅާ ފަރާތްތަކުން ބޮޑެތި އިނާމްތަކުގެ ދަޅަ ދައްކައިގެން، އަގު ބޮޑު ޓީވީ ލިބޭނެކަމަށާއި އެޕާޓްމަންޓް ލިބިފައިވާ ކަމަށާއި އަގު ބޮޑެތި ފާރުނިޗަރު ލިބިފައިވާ ކަމަށް ބުނުމުގެ އިތުރުން ރާއްޖެއިން ބޭރު ގައުމަކަށް ޗުއްޓީ ހޭދަކޮށްލަންދާން ދެކޮޅު ޓިކެޓާ ޕެކޭޖް ލިބިފައިވާ ކަމަށް ބުނެ ބޮޑެތި އޮޅުވާލުން އޮޅުވާލާފައި ހުރި މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިގޮތަށް ގުޅާ ފަރާތްތަކުން އެފަރާތުން ބޭނުންނަމަ ކުއިޒެއްގައި ބައިވެރިވެގެން ފައިސާ ލިބޭނެކަމަށް ބުނެ އެކައުންޓް މަޢުލޫމާތު ހޯދައި އިތުރަށް ވާހަކަ ދެއްކުމަށްފަހު އެމީހެއްގެ ބޭންކް ކްރެޑިޓް ކާޑް ނުވަތަ ޑެބިޓް ކާޑްގެ ނަމްބަރާއި ސެކިއުރިޓީ ކޯޑް ހޯދައިގެން އޮޅުވާލައިގެން ފައިސާގެ މުޢާމަލާތް ހިންގައި މަކަރާ ޙީލަތުން ބޮޑެތި ޢަދަދުތަކުން ރައްޔިތުން އަތުން ފައިސާ އަތުލާކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
މިފަދަ މައްސަލަތަކަކީ ރައްޔިތުންގެ އެއްބާރުލުން އިތުރުކޮށް މިކަމަށް ފާރަވެރިވެ ހުރެއްޖެނަމަ ހުއްޓުވައި އޮޅުވާލައިގެން މަކަރާ ޙީލަތުން ފައިސާ ހޯދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެވޭނެ މައްސަލަތަކެއް ކަމަށާއި، ވަކިން ޚާއްޞަކޮށް ބެންކުން އެމީހަކަށް ލިބިފައިވާ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ އެއްވެސް ނަމްބަރެއް އިތުބާރާއި ޔަޤީންކަން ނެތް ފަރާތަކަށް ނުދިނުމަށާއި ނުދަންނަ ނަމްބަރުން ގުޅައި ކާކުކަން ކަށަވަރުނުވާ އެއްވެސް މީހަކަށް ރޯލޯޑްކޮށްދީ ރާސްޓަސް ފޮނުވައިނުދިނުމަކީ މިކަން ކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވާ ލެވޭނެ ކަމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.
އެހެއްކަމުން މިފަދަ ކަންކަމަށްދެއްވާ ސަމާލުކަން އިތުރުކޮށް، ނުދަންނަ އަދި އިތުބާރު ނުކުރެވޭ އެއްވެސް މީހަކަށް ފައިސާގެ މިފަދަ މުޢާމަލާތްތައް ނުހިންގުމަށް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ. ވަކިން ޚާއްޞަކޮށް، ބޭންކުން ދޫކޮށްފައިވާ އެއްވެސް ކާޑެއްގެ އެއްވެސް ނަމްބަރެއް އަދި ކާޑުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.