ޚަބަރު

ބިލް ހުުށައެޅީ ދީނީ ވިސްނުމަކުން ހަދީސާ އިމާމުންގެ ބަސްތަކަށް ރިއާޔަތްކޮށް


އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ އަމަލު ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ޤާނޫނުލްޢުޤޫބާތަށް ހުށައެޅި އިޞްލާޙު ބަހުސް މަޖިލީހުގެ ތަޅުމުގައި ފަށައިފިއެވެ. މި ބިލް މަޖީލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ.

މަޖިލީހަށް ހިސާން ހުށައެޅުވި ބިލާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާއްމުންވެސް ދަނީ މި ބިލާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިލާއި މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގންދާނެކަމަށެވެ. އަދި މިކަމުގައި ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

މި ބިލާއި ގުޅޭގޮތުން ބިލް ހުށައެޅުއްވި މެމްބަރަށް ކިޔަމުން ގެންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާފައެވެ. މި ބިލު ޙުށައަޅުއްވަމުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވީ މި ބިލް ހުށައެޅުއްވީ ރާއްޖޭގައި އިސްލާމްދީން ނައްތާލައި ޣައިރުދީންތަކަށް މަގުފަހިކުރަން ކުރިކަމެއްކަމަށް ބުނުމަކީ ހަޤީގަތެއް ނޫންކަމަށެވެ.

ޙިސާން ވިދާޅުވީ އިންސާނާގެ ލެއަކީ ހުރުމަތްވެގެންވާ އެއްޗެއްކަމަށާއި މީހަކު މަރަން ގޮވައި މީހެއްގެ ފުރާނަ ނުރައްކަލެއް ހުށައެޅޭ އަމަލެއް ހިންގުމަށް ފުރުސަތު ދެވިގެން ނުވާނެކަމަށެވެ. ޙިސާން ވިދާޅުވީ މި ބިލު ހުށައެޅުގެ އެންމެ ބޮޑު ބެނުމަކީ ޤާނޫނުގެ ބޭރުން މީހުން މެރުން ފަހަކަށް އައިސް އިތުރުވެ އެކަމުގެ ނުރައްކާ ބޮޑެވެފައިވާތީކަމަށެވެ. އަދި މީ ދިވެހިން އެދޭކަމެއް ނޫންކަންވެސް ޙިސާން ފާހަގަކުރެއްވިއެވެ.

" ދައުލަތެއްގެ ސިފައިގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ތަރުތީބުވެފައިވާ އިޖުރާއަތުތަކެއްގެ ތެރެއިން؛ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް. ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ތަރަހައިގެ ތެރޭގައި. އެހެންކަމުން، އެއިޖުރާތުތަކުގެ ތެރެއިން، ކުށް ކަޑައެޅުމާއި، ކުށްވެރިކުރުމާއި، ކުށުގެ މައްސަލަ ބެލުން، އެއީ ދައުލަތުން ކުރާ މަސައްކަތެއް. އެކަންކަން ކުރަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުންވާނީ، ނިޒާމް ގެއްލި، ޤާނޫނު އަތްމައްޗަށް ނަގައި، މުޅި މުޖްތަމައުގެ އަމަންއަމާންކަން ގެއްލިގެން ދާނެކަމަކަށް" ޙިސާން ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމަށާއި ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމު ދީންކަން ޤާނޫނު އަސާސީގައި ކަނޑައެޅީ މުސްލިމަކަށް ވެގެން މެނުވީ ދިވެހިރައްޔިތަކަށްވެސް ނުވެވޭނެތީކަމަށާއި، ރާއްޖޭގައި މި ނޫން ގޮތެއް ވުމަކަށް ދިވެހީންނެއް ނޭދޭނެކަންވެސް ޙިސާން ފާހަގަކުރެއްވިއެވެ. ޤާނޫނުލް އުޤޫބާތުގެ 617 ވަނަ މާއްދާގައި މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ފާޑުކިޔައި، އިސްލާމް ދީނަށް ތައުހީނުކުރުމަށް ތަޤްރީރުކުރުމާއި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ މިހާރުވެސް ކުށެއްކަން ފާހަގަކުރައްވަމުން ޙިސާން ވިދާޅުވީ މި ބިލު ސަރުކާރުގެ ފަރާތުން ހުށައެޅީވެސް އެކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުންކަމަށް ޙިސާން ވިދާޅުވިއެވެ.

" އިއްޒަތްތެރި ރައީސް. އެއްވެސް ދިވެއްސަކަށް ހަޤީޤަތެއް އޮޅުވައެއް ނުލެވޭނެ. އިސްލާމް ދީނަށް ހަޖޫޖެހުން ހުއްދައެއްނޫން. އިސްލާމްދީނާށް ފުރައްސާރައެއް ނުކުރެވޭނެ. އިންސްލާމްދީނަށް ކުޑައިމީސް ބަހެއްވެސް ނުބުނޭވެ. މި ހަޤީޤަތް މިވަނީ ބަޔަކު ގަސްތުގައި އޮޅުވާލަން އުޅެފަ. އާދެ، ބަޔަކު މި ހަޤީޤަތް އޮޅުވާލަން މަސައްކަތް ކުރިނަމަވެސް، މިއީ 2015 ވަނަ އަހަރުން ފެށިގެން ޖިނާއީ ކުށެއް.އިސްލާމް ދީނަށް ތައުހީނު ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ ދަށުން މިހާރުވެސް ޖިނާއީ ކުށެއް" ޙިސާން ވިދާޅުވިއެވެ.

ސަޙީހް ބުހާރީގައި އައިސްފައިވާ ޙާދިސާތަކަށް ޙިއްސާކުރައްވަމުން ޙިސާން ވިދާޅުވީ، މިއީ އެފޮތުގައިވާ އުސާމަތުގެފާނުގެ ހާދިސާއިން ވިސްނުން ނަގައިގެން ފަރުމާކުރެވިފައިވާ ބިލެއްކަމަށާއި، ބިލު ފަރުމާކުރުމުގައި ހަމައެކަނި ބަލާފައިވަނީ ދުނިޔޭގެ ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫންކަމަށެވެ. ބިލު ފަރުމާކުރުމުގައި ކީރިތި ރަސޫލާގެ ޙަދީސްބަސްފުޅުތަކާ ގުޅިގެން ބޮޑެތި އިމާމުންގެ ބަސްފުޅުތަކަށް ރިއާޔަތްކުރެވިފައިވާނެކަމަށް ޙިސާން ވިދާޅުވިއެވެ.

ނުރަނގަޅު މަގަކުން މީހަކު ދާނަމަ ނުވަތަ މީހެއްގެ އަޤީދާ ބަލިކަށިވެއްޖެކަން އެގިއްޖެނަމަ، އެކަން ފާހަގަކޮށް އެމީހަކަށް ހެޔޮ ނަސޭހަތް ދިނުން މި ބިލު މަނައެއް ނުކުރާކަމަށާއި، މުންކަރާތްތަކަށް އަރައިނުގަތުމަށް އާންމުކޮށް ނަސޭހަތް ދިނުމެއްވެސް މި ބިލުން މަނައެއް ނުކުރާކަމަށް ޙިސާން ވިދާޅުވިއެވެ. އަދި އެކަންކަން މަނާ ކުރުމަކީ މިބިލްގެ މަޤްސަދެއްނޫންކަމަށާއި، އެފަދަ މާނައެއް ދޭހަވާ އިބާރާތެއް ބިލްގައި އޮތްނަމަ ކޮމިޓީގެ މަރުޚަލާގައި އެކަންކަން އިޞްލާހުކުރުމަށް ޙިސާންވަނީ އެދިވަޑައިގެންފައެވެ.