ސެލޫން ހިންގާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއާ ހިއްސާކުރައްވައިފިއެވެ.
ސެލޫން ހިންގާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް، ރައީސް ޞާލިޙުއާ ހިއްސާކުރެއްވީ، ސެލޫން ހިންގާ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.
ކޯވިޑް-19އާ ގުޅިގެން ކުދިން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު މީގެތެރޭގައި ސެލޫންތައްވެސް ހިމެނެއެވެ. ސެލޫންތައް ހިންގާ ފަރާތްތަކާއެކު ރައީސް ޞާލިހު ބޭއްވި ބައްދަލުކުރެއްވުމުގައި މިމައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ސެލޫންތަކުގެ ވެރިންނާއެކު މަޝްވަރާކުރެއްވިއެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔަ މިބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ ސެންލޫން ހިންގާ ފަރާތްތަކުން ފާހަގަކުރި މައްސަލަތަކަށް އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑްއިން އަރައިގަތުމަށް އެކުލަވާލަމުންދާ "އީޒް ޕްލޭން"ގައި ވިޔަފާރިތަކުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙު ވަނީ ދެއްވާފައެވެ.
މާލެ ސަރަޙައްދުގައި ހިންގަމުންދާ ސެލޫންތަކުގެ ތެރެއިން ގިނަ ސެލޫންތަކެއްގެ ވެރިން މިބައްދަލުވުމުގައި ބައިވެރިވެ، އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
The President met with salon owners to explore how to address the issues that the industry is dealing with as a result of the Covid19 pandemic.
— Mabrook Azeez (@MvSpokesperson) June 15, 2021
He assured them that the suggestions they made would be considered in the 'ease-plan' that is being developed. pic.twitter.com/TV8oxVJE8e
ކޯވިޑްގެ ސަބަބުން ގެއްލުންވަމުންދާ ކުދި ފަންތީއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މި ޕެކޭޖްގެ ދަށުން ޖިމްތަކާއި، ސެލޫންތަކާއި، ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން އެހެނިހެން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޯވިޑްއިން ރައްކާތެރިވުމަށްޓަކާ އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއެކު މާލެ ސަރަޙައްދުގެ ކެފޭ ރެސްޓޯރެންޓްތަކާއި ޖިމްތަކުގެ އިތުރުން ސެލޫންތައްވަނީ ބަންދުކޮށްފައެވެ. މިގޮތުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް މިފަރާތްތަކަށް ސަރުކާރުންވަނީ މީގެ ކުރިންވެސް އެސްއެމްއީ ބޭންކު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެސްއެމްއީ ބޭންކުން ވިޔަފާރިތަކަށް އެހީތެރިވުމަށް މި ޕެކޭޖްގެ ދަށުން 341.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް 19.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ޕެކޭޖްގެ ދަށުން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެއީ 201 މިލިއަން ރުފިޔާއެވެ. 2 ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 59.4 މިލިއަން ރުފިޔާއެވެ. 55.3 މިލިއަނާއިއެކު 3 ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ.