ވިޔަފާރި

އަލިފާނުގެ ހާދިސާގައި ގެއްލުނު ލިބުނު އެސްބީއައި މާލެ ބްރާންޗު އަލުން ހުޅުވައިފި


ގަދަގޭ މުހައްމަދުފުޅު ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިމާރާތް މަރާމާތައްފަހު އަލުން ހުޅުވައިފިއެވެ.

މި އިމާރާތް އަލުން ހުޅުވާ ޚިދުމަތްދޭން ފަށާފައިވަނީ މިއަދުއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭގެ އޮފީސް އިމާރާތް އަލުން ހުޅުވާފައިވާއިރު މިވަގުތު ދެމުންދާނީ އަސާސީ ބޭންކިންގ ޚިދުމަތްތައްކަމަށް އެ ބޭންކުން ބުނެއެވެ. އޭގެތެރޭގައި އެކައުންޓް ހުޅުވުމާއި ޗެކް ބުކް ދޫކުރުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖޭގެ ބްރާންޗުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިވަގުތު ކަސްޓަމަރުންނަށް ޚިދުމަތްދެމުންދަނީ 2 ވަނަ ފަންގިފިލާއިންކަމަށެވެ. ނަމަވެސް އަންނަ ހަފްތާއިން ފެށިގެން ގްރައުންޑް ފްލޯއާއި 3 ވަނަ ފަންގިފިލާއިންވެސް ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދާނެކަމަށެވެ.

އަންނަ ހަފްތާއިން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ހުރިހާ ޚިދުމަތްތަކެއް މާލެ ބްރާންޗުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ބޭންކުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މި ހަފްތާގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތްވެސް މާލެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެ ބޭންކުން ބުނެއެވެ.

އެސްބީއައިގެ ޚިދުމަތް މިވަގުތު ދެމުންދަނީ އެޗްޕީއޭއާއި އެމްއެމްއޭގެ އުސޫލާއި އެއްގޮތްވާގޮތަށެވެ. އެގޮތުން ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ޙިދުމަތް ލިބޭނީ ހެނދުނު 9 އަކުން މެންދުރު 12 އަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެސްބީއައި މާލެ ބްރާންޗް ހިންގަމުން އަންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންއާއި ޖެހިގެންހުރި ކެފޭ ޓިއޯލޯގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސްބީއައި އޮފީސްވެސް ބޭނުންނުކުރެވޭވަރަށް އެނދިއެވެ.