ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖަލުތަކުގައި އޮޕަރޭޝަނެއް


ކުރީގެ ރައީސް އަދި ރައްޔިތުން މަޖލީހުގެ ރަޢީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ޖަލުތަކުގައި އޮޕަރޭޝަނެއް ފަށައިފިއެވެ.

ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ މާފުށީ ޖަލުގައި ހިންގާ އޮޕަރޭޝަނަކީ މިދިޔަ މަހުގެ 6 ވަނަދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަންގައި ފުލުހުންނާއި ސިފައިންގެ އިތުރުން ކަރެކްޝަނުންވެސް ބައިވެރިވަމުން އަންނަކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ. ރޭ ފަތިހު 05:00 އިން ފެށިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަނާއި ގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރައްވާއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އައްޑޫ ސިޓީއާއި މާލޭ ސަރަހައްދުން ބައެއް މީހުންވަނީ ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ތަހުޤީޤާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުން ހުރި މީހަކު ހިމެނޭކަމަށެވެ. އެހެންނަމަވެސް އެމީހާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ސީދާ ގުޅުންހުރި 4 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވަނީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

މީގެތެރެއިން އަދުހަމް އަޙްމަދަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ސައިކަލްގައި ހަރުކޮށްފައި އޮތް ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. ފުލުހުން އާއްމުކުރި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ފިލާ ހުރެކަން އެގެއެވެ. ދެން މި މައްސަލާގައި ހައްޔަރުކޮށްފައިވާ ތަހްމީނު އަޙްމަދަކީ ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރި ފަރާތެވެ.

މި ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުޤީޤުގައި މިހާތަނަށް 150 އަށްވުރެ ގިނަ ފަރާތްތަކުގެ މަޢުލޫމާތު ހޯދިފަވާކަމަށާއި، 25 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުންވަނީ އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ.

ރައީސް ނަޝީދަށް ޙަމަލާ ދީފައިވަބީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގޭ ހުންނަ ނީލޯފަރު ހިނގުމުން މަޖީދީމަގާވީކޮޅަށް ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ.