ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް19 އާއިއެކު ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ވަރަށް ބޮޑަށް ހީނަރުވެ، ބައެއް ވިޔަފާރިތައް ހުއްޓާލަންޖެހިފައިވާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ހަމަޖައްސާ ޕެކޭޖްގެ ދަށުން ޖިމްތަކާއި، ސެލޫންތަކާއި، ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން އެހެނިހެން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.
ޕެކޭޖް ތައާރަފްކުރުމުގެ މަސައްކަތް ލަސްވެގެންދަނީ މިނިސްޓްރީގެ ޓީމުގެ ގިނަ މެންބަރުންތަކެއް ކޯވިޑް19 އަށްޕޮޒިޓިވްވެފައިވާތީކަމަށާއި ނަމަވެސް ވަރަށް އަވަހަށް މި ޕެކޭޖް ތައާރަފްކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
We have been working on a development assistance stimulus for smes especially gyms, saloons, cafes restaurants and more. Unfortunately due to many in our team coming down with Covid this is taking more time. Insha allah very soon.
— Fayyaz Ismail (@faya_i) June 2, 2021
ކޯވިޑްގެ ނަންބަރުތައް މާލެ ސަރަހައްދުގައި އިތުރުވާން ފެށުމުގެ ސަބަބުން ސަރުކާރުން އެޅި ޚާއްސަ ފިޔަވަޅެއްގެ ގޮތުން ކެފޭ ރެސްޓޯރަންޓް، ޖިމް އަދި ސެލޫންތައް ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން އެ ވިޔަފާރިތަަކަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޯވިޑް19ގެ މި ދަނޑިވަޅުގައި އެސްއެމްއީ ބޭންކު މެދުވެރިކޮށް މީގެކުރިންވެސް ވަނީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެސްއެމްއީ ބޭންކުން ވިޔަފާރިތަކަށް އެހީތެރިވުމަށް މި ޕެކޭޖްގެ ދަށުން 341.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް 19.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ޕެކޭޖްގެ ދަށުން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެއީ 201 މިލިއަން ރުފިޔާއެވެ. 2 ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 59.4 މިލިއަން ރުފިޔާއެވެ. 55.3 މިލިއަނާއިއެކު 3 ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ.